ބޭސްފަރުވާ އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު މާލެ ގެނެސްފި އެވެ.

އަދީބަށް ފަރުވާ ދެމުން ދަނީ ސިފައިންގެ ސެނަހިޔާ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގައި އަދީބަށް ދެމުން ދަނީ ލޮލުގެ ފަރުވާއެކެވެ.

ލޮލުގެ ފަރުވާ އަކަށް އަދީބު މާލެ ގެނެސް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އިރު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފަ އެވެ.

ސެނަހިޔާ ހޮސްޕިޓަލް ސަރަހައްދުގައި ފުލުހުން ފޯރިމަރަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިއީ އަދީބު ހައްޔަރުކުރުމަށް ފަހު މާލެ ގެނައި ފުރަތަމަ ފަހަރެވެ. އޭނާ ބަންދުގައި ހުންނަތާ މިއަދަށް 74 ދުވަސް ވާނެ އެވެ.

އަދީބަށް ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ އަނބުރާ ދޫނިދޫ އަށް ގެންގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އަދީބު މާލެ ގެނައީ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ ދޫނިދޫ އަށް މިހާރު ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އަދީބު މިއަދު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައި ނަމަވެސް މީގެކުރިން އަދީބުގެ އެކްސްރޭއެއް ނަގަން ޖެހުމުން އެކަން ކޮށްފައި ވަނީ އޭނާ މާލެ ނުގެނެސް ދޫނިދު އަށް އެކްސްރޭ މެޝިން ގެންގޮސްގެންނެވެ.

މޯލްޑިވްސް މާކެޓިން އެންޑު ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބަށް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.