ލިބިފައިވާ ޖިންސީ އަނިޔާތަކަކާ ގުޅިގެން އައިޖީއެމްްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އޮންނާނެ އެވެ.

ޒިޔާދާގެ ކަށު ނަމާދު އޮންނާނީ އާސަހަރަ މިސްކިތުގަ އެވެ.

ޕޯސްޓު މޯޓަމް ހެދުމަށް އިންޑިއާ އަށް ޒިޔާދާގެ ހަށިގަނޑު ގެންދިއުމަށް ފަހު ރޭގެ ވަގުތެއްގައި ޒިޔާދާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފަ އެވެ. ޕޯސްޓްމޯޓަމް ހެދުމަށް ޒިޔާދާގެ ހަށިގަނޑު އިންޑިއާ އަށް ގެންދިޔައީ މި މަހުގެ ދެވަނަ ދުވަހު އެވެ.

ޒިޔާދާ ނިޔާވި މައްސަލަ ފުލުހުން ކުރިން ބަލަމުން އައީ ޖިންސީ އަނިޔާކުރި މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް އެ މައްސަލަ މިހާރު ބަލަމުން ދަނީ މަރުގެ މައްސަލައެއްގެ ގޮތުގަ އެވެ.

އެ މައްސަލައިގައި ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި ފުލުހުން ވަނީ އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ހައްޔަރުކޮށްފަ އެވެ.