ސްރީލަންކާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ސާންކެން އޯވަސީސް އިން ރާއްޖެ އާއި ފިޖީގައި ދެ ރިސޯޓެއް ތަރައްގީ ކުރުމަށާއި އެފްރިކާގެ ގައުމެއްގައި ހަކަތައިގެ މަޝްރޫއެއް ހިންގަން 330 މިލިޔަން ޑޮލަރު ހަރަދުކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސާންކެން އޯވަސީސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ބީޕީ ކަލުޕަނާ ވިދާޅުވި ކަމަށް ސްރީލަންކާ ޑެއިލީ ނިއުސް ވެބްސައިޓުން ބުނީ އެ ކުންފުނިން ރާއްޖޭގައި ތަރައްގީ ކުރި ފުރަތަމަ ރިސޯޓް 'ހަވޮއްޑާ އަމާރީ ރިސޯޓްސް'ގެ ނަމުގައި މި މަހުގެ 14 ވަނަ ދުވަހު ހުޅުވާނެ ކަމަށެވެ. އެ ރިސޯޓްގައި ދެ ސުއިޓާއި 58 ވޯޓާ ވިލާ ހުންނާނެ ކަމަށާއި އެތަން ހިންގާނީ އޮނެކްސް ހޮސްޕިޓަލިޓީ ގްރޫޕުން ކަމަށް ކަލުޕަނާ ވިދާޅުވެފައިވެ އެވެ.

ސާންކެން އިން ކުރާ 330 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ތެރެއިން އެ ކުންފުނިން ރާއްޖޭގައި ތަރައްގީ ކުރާ ދެ ވަނަ ރިސޯޓު ހެދުމަށް މިހާރު ރަށެއް ލިބިފައިވާ ކަމަށާއި އެ ރަށް ލިބިފައި ވަނީ ސީދާ ސަރުކާރުން ކަމަށް އޭނާއާ ހަވާލާދީ ނޫހުން ބުންޏެވެ.

ސާންކެން ކުންފުނިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ރާއްޖޭގައި ހިންގާ ދެރިސޯޓުން ވެސް އެނދަކަށް ނަގާނީ ރެއަކަށް 600 ޑޮލަރު ކަމަށް އެކުންފުނިން ބުންޏެވެ.