ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅުނު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއްގެ އިތުރުން ބަންގުލަދޭޝް އަށް ނިސްބަތްވާ 29 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ، އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ރޭ 10:00 ހާއިރު، ހަވީރީ ހިނގުމުގައި ހުންނަ އެޗްފުޑް ކުރިމަތިން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދަނިކޮށް ކަމަށެވެ.

އެ ތިން މީހުން ހައްޔަރު ކުރުމަށް ފަހު އެމީހުން އަތުން ފެނުނު ސިނގިރޭޓު ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ އިރު އެ ޕެކެޓުގެ ބަރުދަނުގައި ޕެކިނާ އެކު 30 ގުރާމު ހުރި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރު ކުރި 30 އަހަރުގެ މީހާއަކީ ވައްކަމުގެ މައްސަލަތަކުގެ ގިނަ އަދަދެއްގެ ރިކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ފުޅާ ދާއިރާ އެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި ހައްޔަރު ކުރި 20 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.