05 Jan 2016, 23:59
އޭއެފްސީ "ބީ" ލައިސެންސް ކޯހެއް މިއަހަރުގެ މާޗު މަހު މާލޭގައި ބޭއްވުމަށް ހަމަޖައްސައި އެ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ.
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަހަރުގެ މާޗު މަހުގެ 6 އިން 26އަށް އޭއެފްސީ "ބީ" ލައިސެންސް ކޯހެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެފަރާތްތަކަށް ލިބިފައިވާ އޭއެފްސީ "ސީ" ލައިސަންސް ކޯހުގެ ސެޓްފިކެޓްގެ ކޮޕީއަކާއި ސީވީ، އައިޑީކާޑް، އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް، މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކޯހުގައި ބައިވެރިވާން އެދޭ ފޯމު، ރަސްމީ ގަޑީގައި އެފްއޭއެމްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، ކޯސް ފީއެއްގެ ގޮތުގައި 5000 ރުފިޔާ ދައްކަން ޖެހޭނޭ ކަމަށްވެސް އެފްއޭއެމުން ބުނެފައި ވެއެވެ.
އޭއެފްސީ ބީ ސެޓްފިކެޓް ކޯހަކީ، އޭއެފްސީ ސީ ސެޓްފިކެޓް ހާސިލްކޮށްފައިވާ ކޯޗުންނަށް ގޭމްތައް ރޭވުމުގައި އެޑްވާންސްޑް ޓެކްނިކްސްއާއި ސްކިލްސް ދަސްކޮށް ދިނުމާއި، ވަކިވަކި ކުޅުންތެރީންނާއި ބައިވަރު ކުޅުންތެރީން ގެންގުޅޭނޭ ގޮތާއި، ޓެކްޓިކްސް ތަކާއި، އަދި މެންޓަލް ރިކުއަޔަމަންޓްސްތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ 20 ދުވަހުގެ ކޯހެކެވެ.