13 Apr 2011, 20:28
ދ. އަތޮޅު ކަނޑުގެ ސަރަހައްދުން މިއަދު ހެނދުނު ފެނުނު ބޭރު ބޯޓަކީ ފިޝަރީޒް މިނިސްޓްރީގެ ހުއްދައިގެ ދަށުން ރާއްޖޭ އެކި ސަރަހައްދުން މަސްބަރު ކުރާ ބޯޓެއް ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.
މޭޖާ، އަބްދުއްރަހީމް މިރޭ ވިދާޅުވީ މިއަދު ހެނދުނު 10:30 އެހާކަންހާއިރު ދ. ކުޑަހުވަދޫ މަސް ކަނދުފައްޗާ ދިމާ، ހަ މޭލު ބޭރު، ކަނޑުގެ ސަރަހައްދުގައި އުޅެނިކޮށް އެ އަތޮޅުގައި ދުއްވާ ކަންނެލި ދޯންޏަކަށް ފެނިގެން ރިޕޯޓްކޮށްފައިވާ އެ ބޯޓަކީ އީރާނުގެ މަސްބޯޓެއް ކަމަށާއި އެ ބޯޓް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނައީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ. ނަމަވެސް މިހާރު ބޯޓް ދޫކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅެނީ ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ލައިސަންސްއެއްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުން މަސް ބަރުކުރުމަށް ކަމަށެވެ. އެބޯޓަށް ގިނަ އަދަދެއްގެ މަސް ކިރުވާފައި ހުރި ކަމަށާއި މަސްވެރިކަން ކުރުމަށް ބޭނުންކުރާ ޒާތުގެ އެއްވެސް ސާމާނެއް އެބޯޓްގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޒުމް2" ނަމަކަށް ކިޔާ ކަންނެލި ދޯނި މަސް އައިން ހޯދަން ދަނިކޮށް މިއަދު ހެނދުނު ފެނުނު އެ ބޯޓް އަދި އޮތީ ބައެއް ކަހަލަ މައުލޫމާތު ސާފުކުރަން ބޭނުންވާތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ދ. އަތޮޅާ ދިމާ ބޭރުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
" އެ ބޯޓްގައި މަސްވެރިކަން ކުރަން ބޭނުންކުރާ ކަހަލަ އެއްވެސް ސާމާނެއް ނެތް. ބޯޓަށް ވަނީ ގިނަ އަދަދަކަށް މަސް ބަރުކޮށްފަ، ނަމަވެސް އެއީ ހުއްދަލިބިގެން ބަރުކޮށްފައިވާ މަސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކަންނެލި ދޯނިން ބުނީ އެމީހުންނަށް އެބޯޓް ފެނުމުން ބޯޓާ ކައިރިކުރުމުން އެބޯޓަކީ ގދ. ކޫއްޑޫ އިން މަސް ބަރުކޮށްގެން އިރާގަށްދާ ބޯޓެއް ކަމަށް ފުރަތަމަ ބުނި ނަމަވެސް ދެވަނަ ފަހަރަށް ވާހަކަ ބަދަލުވެ ބޯޓުގެ ތެރެއިން ފިޔައެއް ދެއްކުމަށް ފަހު ފިޔާ ބަރުކޮށްގެން މާލެއަށް ދާ ބޯޓެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން މަޑުކުރުމަށް އެދެމުން ދަނިކޮށްވެސް ކުޑަހުވަދުއާ ދިމާ ބޭރަށް ބޯޓު ބާރަށް ދުއްވާފައި ދިޔައީ ކަމަށް ކަންނެލި ދޯނީގެ ފަޅުވެރިއަކު ބުންޏެވެ.
އެމްއެންޑީއެފް މޭޖަ އަބްދުއްރަހީމް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާ ނޭވީން ނުވަތަ ކޯސްޓްގާޑުގެ އިޝާރާތަކަށް ނޫނީ ކަނޑުމަތިން ފެންނަ އެފަދަ ބޯޓް ފަހަރު މަޑު ނުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
" ކަނޑު މަތީގެ ތަފާތު ފޭރުމުގެ ހާދިސާތައް މިފަހަކަށް އައިސް ވަނީ ގިނަވެފައި. އެހެންމެ ފަހަރުގައި އެމީހުން ކަންނެލި ދޯނިން މަޑުކުރަން އެދުމުން ވެސް މަޑުނުކޮށްފާނެ. ނަމަވެސް އެބޯޓަކީ ގަވާއިދާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅެމުން ދިޔަ ބޯޓެއް. މިހާރު އެމައްސަލަ އިތުރަށް ބަލަމުން މިގެންދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
90 ވަރަކަށް ފޫޓުގެ އެ ބޯޓް މަޑު ކުރުވުމަށް ދ. ކުޑަހުވަދޫއާ ހަ މޭލު ބޭރަށް ރާއްޖޭގެ ކަންނެލި ބޯޓް ވަނީ ދުއްވާފަ އެވެ.