06 Jan 2016, 09:38
މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ކާނާގެ ބާވަތެކެވެ. ހޭޒެލްނަޓާއި ކޮކޯ އަޅައިގެން ހަދާފައި ހުންނަ މި ޗޮކްލެޓް ސްޕްރެޑް ކްރީމަކީ، ޕާނުގައި ޖަހާލައިގެން ކެއުމަށް ގިނަ ބަޔަކަށް އެންމެ މީރު އެކައްޗެވެ.
އިޓަލީގެ ފެރޭރޯ ކުންފުނިން އުފައްދާ މަގްބޫލު ޗޮކްލެޓް "ފެރޭރޯ ރޮޝޭ"އިން ލާ މީރު ޗޮކްލެޓް ރަހަ ލާ މި ޗޮކްލެޓް ސްޕްރެޑްއަށް ކިޔައި އުޅެނީ ނަޓެއްލާ އެވެ. އޭގެ ބޭރުގައި ލިޔެފައި ވަނީ އެހެންނެވެ. އެހެންކަމުން އެއީ މީރު ނަޓެއްލާ ފުޅި އެވެ. ޕާނާ ޖަހައިގެން، އަދި ސަމުސާ ލައިގެން ހުހާ ވެސް ކަނީ ނަޓެއްލާ އެވެ.
އެހެން ނަމަވެސް "ނަޓެއްލާ"އަކީ އަސްލު އެ ބަސް ކިޔާ ގޮތެއް ނޫނެވެ. ނަވާރަސަތޭކަ ފަސް ދޮޅަަސް ހަތަރު ވަނަ އަހަރުން ފަށައިގެން ބާޒާރުގައި ވިއްކަމުން އައި މި ޕްރޮޑަކްޓަށް "ނަޓެއްލާ"އޭ ކިޔަމުން އިނގިރޭސި ވިލާތާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އުޅުނު އިރު، ފެރޭރޯ ކުންފުނިން މާ ބޮޑު އެއްޗެކޭ ބުނެފައެއް ނުވެ އެވެ.
ނަމަވެސް ނަޓެއްލާއަށް ލޯބި ޖެހިފައިވާ އެންމެންގެ ދުނިޔެ އެފުށް މިފުށަށް ޖެހިގެން ދިޔައީ، މި ބްރޭންޑްގެ ރަސްމީ ވެބްސައިޓުގައި "އާންމުކޮށް ކުރެވޭ ސުވާލުތައް"(ފްރީކުއެންޓްލީ އާސްކްޑް ކުއެސްޗަންސް ނުވަތަ އެފްއޭކިއު)ގައި "ނަޓެއްލާ އަކީ ކޯއްޗެއް؟" މިހެން ކުރެވިފައިވާ ސުވާލަކަށް ފެރޭރޯ އިން ދީފައިވާ ޖަވާބެވެ.
އެ ޖަވާބުގައި، ނަޓެއްލާއާ ޖެހިގެން އެ ނަން އަސްލު ކިޔާ ގޮތް ލިޔެފައިވެ އެވެ. އެއީ އަސްލު ނަޓެއްލާ އެއް ނޫނެވެ. އަސްލު ކިޔަނީ "ނިއުޓެއްލާ" އެވެ. މި ވީހާ ދުވަހު ގިނަ ބަޔަކަށް މީރު ވެގެން މި އުޅޭ ޗޮކްލެޓް ކްރީމުގެ ހަގީގީ ނަން ވެސް ނޭނގުނެވެ.
ބަޒްފީޑްއާ ވާހަކަ ދައްކަމުން ފެރޭރޯގެ އޮފިޝަލެއް މިދިޔަ އަހަރު ބުނެފައި ވަނީ، އިނގިރޭސި ވިލާތުގައި ނިއުޓެއްލާއަށް "ނަޓެއްލާ" ކިޔަސް، "ނިއުޓެއްލާ"އަކީ އެ ނަމުގެ "އެމެރިކަން ޕްރޮނަންސިއޭޝަން" ނުވަތަ އެމެރިކާގައި ވާހަކަ ދައްކާ އިނގިރޭސި ބަހުން ކިޔަންޖެހޭ ނަން ކަމަށެވެ. އަދި "ނިއުޓެއްލާ"އަކީ އެ ޕްރޮޑަކްޓަށް ކިޔާ ރަސްމީ ނަން ވެސް މެ އެވެ.
ނަމަވެސް ފެރޭރޯއިން ބުނީ، "ނިއުޓެއްލާ"އަށް ނަޓެއްލާއޭ ގިނަ ބަޔަކު މިހާރު ކިޔަމުން ދާތީ، އެ ނަން ރަނގަޅަށް ކިޔުމަށް މުޅި ދުނިޔެއަށް އެންގުމަށް ގަދަ ނުދައްކާނެ ކަމަށެވެ.
އެހެންކަމުން، ނިންމުން އޮތީ ނިއުޓެއްލާ/ނަޓެއްލާއަށް ލޯބިކޮށް، އެ ބޭނުންކުރާ މީހުންގެ އަތްމަތީގަ އެވެ. ނުބައިކޮށް ކިޔާ ނަން ދޫކޮށްލުމަށް ފަހު ރަނގަޅު ގޮތަށް ކިޔުން، ފެރޭރޯ ކުންފުނިން ވަނީ އެމީހެއްގެ އަމިއްލަ ނިންމުމަށް ދޫކޮށްލައިފަ އެވެ.