06 Jan 2016, 00:22
ކްރިކެޓް މެޗެއްގައި އެންމެ އިނިންގް އެއްގެ ތެރޭގައި 1009 ރަން ހަމަކޮށް، އިންޑިއާ ކުއްޖަކު ސްކޫލް ކްރިކެޓުގައި ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.
މި ރެކޯޑް ހަދާފައި ވަނީ އިންޑިއާގައި މިހާރު ކުރިއަށްދާ ސްކޫލް ކްރިކެޓް މުބާރާތެއް ކަމަށްވާ އެޗްޓީ ބަންޑާރި ކަޕްގައި އިއްޔެ ކުޅުނު މެޗެއްގައި، އުމުރުން 15 އަހަރުގެ ޕްރަނާވް ދަނަވާޑޭ އެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ، 1899 ވަނަ އަހަރު އެއް އިނިންގް ގެ ތެރޭގައި 628 ރަން ހަމަކުރި، އާތަރ ކޮލިންސް އަތުގަ އެވެ.
ޕްރަނާވް ދަނަވާޑޭ ދުނިޔޭގެ ރެކޯޑެއް ހަދާފައި ވަނީ 395 މިނެޓުގެ ތެރޭގައެވެ. އޭނާ 1009 ރަން ހެދި އިރު، 59 ފަހަރަށް ހަ ޕޮއިންޓް ހޯދާފައިވެ އެވެ. އަދި 127 ފަހަރަށް ހަތަރު ޕޮއިންޓް ހޯދާފައިވެ އެވެ.
މެޗަށްފަހު އިންޑިއާގެ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޕްރަނާވް ބުނީ، މެޗުގައި ކުޅެމުން ދިޔައިރު ރެކޯޑެއް މުގުރާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
ޕްރަނާވް ނިސްބަތްޗާ ކޭސީ ގާންދީ ސްކޫލާއި، އިދިކޮޅު އާރްޔާ ގުރުކުލް ސްކޫލުން ބައްދަލުކުރި އެ މެޗު ނިމުނީ 1465 ޕޮއިންޓުން ޕްރަނާވްގެ ސްކޫލް މެޗު ކާމިޔާބު ކޮށްގެންނެވެ.
ޕްރަނާވް ބުނީ، އޭނާ ކްރިކެޓް ކުޅުމަށް އެންމެ ބޮޑަށް ބާރުއަޅަނީ ބައްޕަ ކަމަށާއި އެހެންކަމުން އޭނާއަށް ލިބުނު ކާމިޔާބީ ހައްގު ވަނީ އޭނާގެ ބައްޕައަށް ކަމަށެވެ. އޭގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކަށް ތައްޔާރު ކަމަށާއި، ނަމަވެސް ފުރަތަމަ ކުޅެން ބޭނުމީ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އިންޑިއާގައި އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓަށް ވާއިރު، ވާދަވެރި ސްކޫލް ކްރިކެޓް މުބާރާތްތަކުގެ ސަބަބުން އެގައުމުގައި ހުނަރުވެރި ކުޅުންތެރިން ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި ސަޗިން ޓެންޑޫލްކަރު އަދި ރޯހިތު ޝަރްމާ ފާހަގަކޮށްލެވެ އެވެ.
ޕްރަނާވްގެ ކާމިޔާބަށް އިންޑިއާގެ އެތައް ބަޔަކު މަރުހަބާ ކިޔަމުން ދާއިރު، ސަޗިންވެސް ވަނީ އޭނާއަށް ތައުރީފުކޮށް މަރުހަބާ ކިޔައިފައެވެ.
މައުލޫމާތު: ބީބީސީ