ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާ ނީލަން ކިޔުމެއްގައި ދުނިޔެއިން ނެތިގެން ގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ ނޫ އުރަހަ ކަންނެއްޔެއް 14 މިލިއަން ޖަޕަނީސް ޔެން އަށް (117،000 ޑޮލަރަށް ) ވިއްކާލައިފި އެވެ.

ޖަޕާނުގެ އުތުރުގެ ރަށް ބޭރުން ބޭނި ބަރު ދަނުގައި 200 ކިލޯ ހުރި އެ ކަންނެލި ވިކިފައި ވަނީ ޓޯކިޔޯގައި ހުންނަ ދުނިޔޭގެ މަޝްހޫރު ސުކިޖީ މަސް މާރުކޭޓުގައި މިއަހަރު ބޭއްވި ފުރަތަމަ ނީލަން ކިއުމުގަ އެވެ. އަދި މިއީ އެ ނީލަން ކިޔުން އެ މާރުކޭޓުގައި ބާއްވާ އެންމެ ފަހު އަރުވެސް މެ އެވެ.

ނީލަން ކާމިޔާބު ކޮށްފައިވަނީ އެގައުމުގައި ހިންގާ ސުޝީ ރެސްޓޯރެންޓް ޗެއިން އެއްގެ ވެރިޔާ ކިޔޯޝީ ކިމުރާ ނަމަކަށް ކިޔާ މީހެކެވެ. މިއީ އާ އަހަރުގެ ނީލަން ޖެހިޖެހިގެން އޭނާ ކާމިޔާބު ކުރި ފަސް ވަނަ އަހަރެވެ.

މިއަހަރުގެ ނީލަން ކިޔުން އޭނާ ކާމިޔާބު ކޮށްފައި ވަނީ މިދިޔަ އަހަރު އެ ނީލަން ކާމިޔާބު ކުރި ވަރަށްވުރެ ބޮޑު އަގެއްގަ އެވެ. މިދިޔަ އަހަރުގެ ނީލަން އޭނާ ކާމިޔާބު ކޮށްފައި ވަނީ 4.51 މިލިއަން ޖަޕަނީސް ޔެން އަށެވެ.

ނަމަވެސް އެންމެ ބޮޑު އަގެއްގައި އޭނާ ނީލަން ކާމިޔާބު ކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ. އެ އަހަރު، ބަރުދަނުގައި 222 ކިލޯ ހުރި ކަންނެއްޔެއް އޭނާ ގަނެފައި ވަނީ 155 މިލިއަން ޖަޕަނީސް ޔެން (1.30 މިލިއަން އެމެރިކާ ޑޮލަރު) އަށެވެ. މިއީ ރެކޯޑެކެވެ.

ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޮންމެ އާ އަހަރަކާ ދިމާކޮށް ޖަޕާނުގައި ސުކިޖީގައި ބާއްވާ އެ ނީލަން ކިޔުމުގައި މަހުގެ އަގު އުފުލިގެންދެ އެވެ.

ނަމަވެސް 80 އަހަރަށް ފަހު އެ މަސްމާރުކޭޓް ވަނީ މިއަހަރުގެ ނޮވެމްބަރު މަހު ޓޯކިޔޯގެ ސަރަހެއްދެއް ކަމަށްވާ ތޮޔޮސޫގައި ހަދައި ޒަމާނީ މާރުކޭޓަކަށް ބަދަލުކުރަން ނިންމައިފަ އެވެ.

ޖަޕާނަކީ ޕެސިފިކުން ނޫ އުރަހަ ކަންނެލި އެންމެ ގިނަ އަދަދަކަށް ބާނާ ގައުމެވެ. ނަމަވެސް ތިމާވެއްޓަށް މަސައްކަތްކުރާ މީހުން އަންނަނީ ނޫ އުރަހަ ކަންނެލީގެ އާބާދީ މަދުވަމުންދާތީ، އެ މަހުގެ މަސްވެރިން ހުއްޓާލުމަށް ގޮވާލަމުންނެވެ.