ޖަރުމަނު ވިސާ ހޯދުމަށް ދިވެހިންނަށް އެއްވެސް ދަތި ކަމެއް ނެތްކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ގާއިމްކޮށްފައިވާ ވިސާ ރެޖީމް "ޝެންގެން" ވިސާ ދޫކުރުމުގައި ބައެއް މެމްބަރު ގައުމުތަކުން އުސޫލީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ދިވެހީންނަށް އެ ވިސާ ހޯދުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ވިސާ ހޯދުމުގައި ދަތިވަނީ ހަމައެކަނި ދިވެހިންނަށް ނޫން ކަމަށެވެ.

މިނިސްޓަރު ދުންޔާ ވިދާޅުވީ ޖަރުމަނަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކަށްވުމުގެ އިތުރުން، ބައިނަލްއަގްވާމީ ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ހިންގާ ގައުމެއް ކަމުގައިވާތީ ވިސާގެ ކަންކަން ހައްލުކުރުމަށް ޖަރުމަންވިލާތުގެ ސަފީރާވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެެވެ.

އޭގެ އިތުރުން ކުރިން އޮތް ގޮތަށް މާލޭގައި ތިބެގެން ވިސާޖެހޭނެ އުސޫލެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ދުންޔާ ވިދާޅުވި އެވެ.

ޖަރުމަނު ވިސާއަށް އެދޭ ނަމަ ދިވެހިން ދާން ޖެހޭނީ ސްރީލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީއަށެވެ. ދިވެހި ސަރުކާރުގެ މިނިސްޓަރު ފެންވަރުގެ ބޭފުޅުން ވެސް އެ އުސޫލާ އެކު އެމްބަސީއަށް ގޮސް ވިސާ ހޯދުމުގެ އުސޫލަށް އަމަލު ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.