އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އީ ގޭޓު ބެހެއްޓުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ފަށައިފި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިރޭ ސަން އަށް ވިދާޅުވީ އީގޭޓު އިންސްޓޯލްކޮށް ނިމުމާ އެކު އެންމެ ފުރަތަމަ ޚިދުމަތްދޭނީ ދިވެހީންނަށް ކަމަށެވެ. އަދި އޭގެ ފަހުން ބިދޭސީންނަށް އީގޭޓުގެ ޚިދުމަތްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީ ގޭޓަކީ ރާއްޖެ އަށް އެތެރެވުމާއި ބޭރުވުމުގައި އިމިގްރޭޝަން އޮފިސަރުން ޕާސްޕޯޓް ޗެކުކުރުމުގެ ބަދަލުގައި އަމިއްލައަށް ޗެކުރަން ޖެހޭ ނިޒާމެކެވެ.

އީ ގޭޓުގެ ޚިދުމަތް ބޭނުންކުރާނެ ގޮތަކީ ޕާސްޕޯޓް އަމިއްލައަށް ސްކޭންކޮށް، ފިންގާ ޕްރިންޓް ޖަހައި އެ ސިސްޓަމްގައި ހުންނަ ކެމެރާއާ ދިމާލަށް ބަލައިލުމެވެ.

އެ ޚިދުމަތް ފެށުމާ އެކު ފާސްޕޯޓްގައި ތައްގަނޑުޖެހުން ހުއްޓާލާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަނުކޮށް އީގޭޓެއް ނުހުޅުވޭނެ. އެހެންވެއްޖެއްޔާމު އެމީހަކަށް ނުފުރޭނެ،" ޚަލީލު ވިދާޅުވި އެވެ.

ޚަލީލު ވިދާޅުވީ އެ ޚިދުމަތް ތައާރަފްކުރުމާ އެކު ސެކިއުރިޓީގެ ކަންތައް މިހާރަށް ވުރެ އެތައް ގުނައަކުން ވަރުގަދަ ވެގެންދާނެ ކަމަށެވެ. އެ ޚިދުމަތުގެ ސަބަބުން ވަގު ޕާސްޕޯޓުގައި ބިދޭސީން އެތެރެވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަލް އެއާޕޯޓުގައި އީގޭޓު ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ ---- ފޮޓޯ: އިމިގްރޭޝަން

އީ ގޭޓް ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ޚިދުމަތް ބޭނުންކުރަން ފަށާނީ ޖެނުއަރީ މަހުގެ ތެރޭގައި އާ ޕާސްޕޯޓުގެ ޚިދުމަތް ތައާރަފުކުރުމުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.