ސައުދީ އަރަބިއާ އާއި އީރާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލި ނަަމަވެސް ސައުދީ އިން ޝެއިހް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށް ހިންގި "ބޮޑު ޖަރީމާ" ނުފޮރުވޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާއާއި އީރާނާއި ދެމެދު އޮތް ގުޅުން ގޯސްވެފައި މިވަނީ، މަޝްހޫރު ޝިއައީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް ނިމްރު އަލް ނިމްރުގެ މައްޗަށް ސައުދީ އަރަބިއްޔާ އިން މަރުގެ ހުކުމް އިއްވައި، އެ ހުކުމް ތަންފީޒު ކުރުމާ އެކު، އީރާނުގައި ހުންނަ ސައުދީ އެމްބަސީއަށް އީރާނުގެ ބަޔަކު ވަދެ އެތަނަށް ހަމަލާ ދިނުމުންނެވެ.

ސައުދީ އެމްބަސީއަށް ދިން ހަމަލާއާ ގުޅިގެން ސައުދީން ވަނީ އީރާނާ އެކު ބާއްވަމުން އައި ޚާރިޖީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލައިފަ އެވެ. އަދި ސައުދީގައި ހުރި އީރާނުގެ ޑިޕްލޮމެޓުން އެ ގައުމުން ބޭރުވުމަށް ދެ ދުވަހުގެ މުއްދަތެއް ދިނުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވައިގެ ދަތުރުފަތުރުތައް ވެސް މެދުކަނޑާލުމަށް ސައުދީން ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅިގެން ރޫހާނީ ވިދާޅުވީ، ދެގައުމުގެ ދެމެދުގައިވާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަން ސައުދީން ނިންމީ، އިލްމުވެރިޔާ މަރާލުމަށްފަހު އެކަން ފޮރުވުމަށް ކަމަށެވެ.

"ސައުދީން ހިންގި ޖަރީމާ ފޮރުވުމަށް ދެ ގައުމުގެ ދެމެދުގައިވާ ގުޅުންތައް ކަނޑާލަން ނިންމި ނަމަވެސް، އެފަދަ ކަންކަމުން އެމީހުން ހިންގި ބޮޑު ޖަރީމާއެއް ނުފޮރުވޭނެ،" ރޫހާނީ ވިދާޅުވެފައިވެ އެވެ.

ސައުދީ އާ އީރާންގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލި ނަމަވެސް، ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުން އަންނަ ދާޚިލީ ހަނގުރާމަތަކާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް ސައުދީން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އެގަމުން ވަނީ ބުނެފަ އެވެ.

ސައުދީން އދ. އަށް ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވީ، ސީރިޔާ އަދި ޔަމަން ފަދަ، ހަމަޖެހުން ބޭނުންވެފައިވާ ގައުމުތަކަށް ހަމަޖެހުން ގެނެސްދިނުމަށް ކުރިއަށް އޮތް ތަނުގައިވެސް ސައުދީން ގިނަ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ހަމައެއާއެކު، އީރާނުގައި ހުންނަ ސައުދީ އަރަބިއާގެ ސަފީރުގެ އޮފީހަށް ބަޔަކު ވަދެ އެތަނަށް ހަމަލާ ދިން މައްސަލަ ކުށްވެރިކުރުމުގެ ގޮތުން، އަރަބި ތިން ގައުމު ކަމުގައިވާ އެކުވެރި އަރަބި އިމަރާތާއި، ބަހްރައިން އަދި ސޫދާނުން އީރާނާ އެކު ބާއްވަމުން އައި ޚާރިޖީ ގުޅުން ހަނިކުރަން ވަނީ ނިންމާފަ އެވެ.

ސައުދީއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ގޯސް ވެދާނެ އަމަލުތައް ނުކުރުމަށް ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވަނީ ދެގައުމުގެ ހާރިޖީ ވަޒީރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.