ވޭތުވެދިޔަ ޑިސެމްބަރު މަހު، އާންމު ފަރާތްތަކުން ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން 16 މިލިއަނަށްވުރެ ގިނަ ޑޮލަރު ގަނެފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ސަންއަށް މައުލޫމާތު ދެމުން ގައުމީ ބޭންކުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު ޑިސެމްބަރު މަހު އެ ބޭންކުން އާންމުން ޑޮލަރު ގަތް މިންވަރު 25 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

"ރާއްޖޭން ބޭރަށް ދިއުމަށްޓަކައި 20.000 އަށްވުރެ ގިމަ އާންމު ފަރާތްތަކަށް، 10 މިލިއަން ޑޮލަރު ވިއްކިފައިވޭ. އަދި ވިސާ ޑެބިޓް ކާޑު މެދުވެރިކޮށް ކަސްޓަމަރުން ވަނީ 5.8 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ވިޔަފާރިކޮށްފައި،" މި ފަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އާންމު ފަރާތްތަކަށް ވިއްކި ޑޮލަރުގެ ތަފްސީލް ސަންއާ ހިއްސާކުރަމުން ބީއެމްއެލްގެ މީޑިއާ އޮޮފިޝަލް ވިދާޅުވިއެވެ.

ބޭރު ގައުމުތަކަށް ދާ އާންމު ފަރާތަކަށް، އެމީހުންގެ އެއާ ޓިކެޓް ދެއްކުމުން ގައުމީ ބޭންކުން ގިނަ ވެގެން ވިއްކަނީ 500 ޑޮލަރެވެ.

ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ 100 އަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުމުގެ ފީއަށް ބޭނުންވާ ޑޮލަރުވެސް އެ ބޭކުން ޑިސެމްބަރު މަހުގެ ތެރޭގައި ވިއްކާފައިވާ ކަމަށެވެ. އަދި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށްޓަކައި 60 އަށްވުރެ ގިނަ ފަރާތްތަކަށް ޑޮލަރު ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތައުލީމަށް ބޭނުންވާ ކަންތައްތަކާއި، ރާއްޖޭން ބޭރަށް ބޭސްފަރުވާ ކުރުމަށް ދިއުމަށްޓަކައި ގާތްގަނޑަކަށް 0.5 މިލިއަން ޑޮލަރު ވިއްކިފައިވޭ،" އޭނާ ވިދާޅުވިއެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް މިފަހަރު، ހަމައެކަނި ގައުމީ ބޭންކުގެ 27 ބްރާންޗު މެދުވެރިކޮށް 16 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު އާންމު ފަރާތްތަކުން ގަނެފައިވާއިރު، އެނޫން ބޭންކުތަކުން ވެސް ގިނަ އަދަދެއްގެ ޑޮލަރު ގަނެފައިވާނޭ ކަމަށް ބެލެވެއެވެ.