05 Jan 2016, 20:28
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައިގައި) ޝީޝާގެ ތިން ބެއިން ހުޅުވާފައިވާ އެކައުންޓުން މަކަރާއި ހީލަތުން ބަޔަކު ނެގި 18 މިލިއަން ރުފިޔާގެ ތެރެއިން އެ ތިން ބެއިންނަށް ނުލިބިވާ 13.5 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.
ހައިކޯޓުން އިއްވި ހުކުމްގައި ވަނީ ވަގު ޑޮކިއުމެންޓުތަކެއް ހުށަހަޅައިގެން މަކަރާއި ހީލަތުން އެ ފައިސާ ނެގުމުގައި އެސްބީއައިގެ އިހުމާލު އެބައޮތް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.
އެކަމުގައި އެސްބީއައިގެ އިހުމާލު އޮތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ކަމާ ބެހޭ އެކްސްޕާޓުން ޝަރީއަތަށް ހާޒިރުކޮށް އެ މީހުންނާ ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވުމުގެ އިތުރުން ކަމާ ގުޅޭ ލިޔުންތަކަށް ވެސް ރިއާޔަތް ކުރުމަށްފަހު ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ އެ މައްސަލާގައި ބައެއްގެ މައްޗަށް ޖިނާއީ ދައުވާ ދައުލަތުން އުފުލާފައިވާއިރު އެ މައްސަލަ ނުނިމެނީސް އެ ފައިސާތައް ދިނުމަށް އެސްބީއައިގެ މައްޗަށް ހުކުމް ކުރުމަކީ މައްސަލައެއް ކަމަށް އެސްބީއައި އިން ބުނިކަމުގައިވިޔަސް، އެއީ އެއީ އިންސާފުގެ ހަމަތަކާ ޚިލާފު ކަމެއް ނޫން ކަމަށެވެ.
އެ މައްސަލާގައި ހައިކޯޓުން ހުކުމް އިއްވީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.