ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް، ގެއަށް ބަދަލުކުރި ކަމަށް ބުނާ ލިޔުން އެމަނިކުފާނާ ހަވާލު ކުރި ކަރެކްޝަންގެ އޮފިސަރުކަމަށް ބުނާ މީހާއާ ބެހޭ މައުލޫމާތު މިއަދު ފުލުހުންނާ ހިއްސާކޮށްފިއެވެ.

ކަރެކްޝަންސްގެ މީހެއް ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނާ މީހާއާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ، ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހަސަން ލަތީފު އެވެ.

އެ ސިޓީ އާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި މިއަދު މެންދުރު ފަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށާއި، ފުލުހުންގެ އިދާރާއަށް ހާޒިރުވެ ފުލުހުން އޮޅުންފިލުވަން ބޭނުންވި މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

ބައްދަލުުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، ފުލުހުން ސުވާލުކޮށްފައި ވަނީ އެ ސިޓީ ހަވާލު ކުރި މީހާއާ ބެހޭ ގޮތުން ކަމަށެވެ.

ނަޝީދާ ސިޓީ ހަވާލު ކުރި އިރު އެމަނިކުފާނުގެ އަރިހުގައި އޭނާ ހުންނެވި ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އެ މީހާ އެނގޭތޯ ފުލުހުން ސުވާލު ކުރި ކަމަށާއި، ނަމަވެސް އެއީ ސިޓީ ހަވާލު ކުރި ދުވަހުގެ ކުރިން އަދި އޭގެ ފަހުންވެސް ފެނިފައިވާ މީހެއް ނޫން ކަމަށާއި، އެހެންކަމުން ކަނޑައެޅިގެން އެއީ ވަކި މީހެއް ކަން ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފުލުހުން ދެއްކި ފޮޓޯތަކުގެ ތެރެއިން ސިޓީ ހިފައިގެން އައި މީހާއާ އެންމެ ވައްތަރު ފޮޓޯ ފުލުހުންނަށް ދެއްކި ކަމަށާއި، ފުލުހުންނަށް ބަޔާނެއް ދީފައިވާ ކަމަށް ހަސަން ލަތީފް ވަނީ މިއަދު ވިދާޅުވެފަ އެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވީ، ނަޝީދު ގޭ ބަންދުން އަނބުރާ ޖަލަށް ގެންދިޔައީ ކަރެކްޝަންސް އިން އެމަނިކުފާނާ ހަވާލުކޮށްފައިވާ ސިޓީއަށް ސަރުކާރުން އަމަލު ކުރަމުން ދަނިކޮށް ކަމަށެވެ.

މީގެ ކުރިން ހަސަން ލަތީފް ވަނީ، މި މައްސަލައިގައި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް އާވެސް ބައްދަލު ކުރައްވައިފައެވެ. އަދި އެ ބައްދަލުވުމުގައި މައްސަލަ ވީހާވެސް އަވަހަކަށް ނިންމައިދޭނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ސްޓްރެސް ފުރީ މާހައުލެއްގައި ރައީސް ނަޝީދު ބެހެއްޓެވުމަށް ޑޮކްޓަރުގެ ލަފާ ދެއްވުމުން ރައީސް ނަޝީދު ވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އަށް ހަފްތާ އަށް ގޭ ބަންދަށް ބަދަލުކުރައްވާފަ އެވެ. އަދިި އެމަނިކުފާނު ގޭ ބަންދުގައި ހުންނަވަނިކޮށް ދާއީމީކޮށް ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ރައީސް ނަޝީދަށް ލިޔުން ހަވާލުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.

ނަޝީދަށް ކަރެކްޝަންގެ ފަރާތުން ދިން ލިއުމަކީ ސައްހަ އެއްޗެއްތޯ ބެލުމަށް ކަރެކްޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 24 ގަ އެވެ. އެދުވަހުން ފެށިގެން މިހާތަނަށް ދިޔައިރު ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އޭރު ފުލުހުން ވިދާޅުވީ "އެ ލިޔުމުގެ ސައްހަކަން ބެލުމަށް މިހާރު ތަހުގީގު ފަށާފައިވާ" ކަމަށެވެ.

އޭގެ އިތުރުން ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމް އެއްކޮށް "މައާފު" ކޮށްފައިވާ ކަމަށް ބުނާ ލިޔުމުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.