ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން 88 ތަނެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފުވި 41 ތަނެއް ޖޫރިމަނާކޮށްފި އެވެ.

ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭ ފަދަ ތަންތަނުގައި ބިދޭސީ ސޭޓުން ތިބިތޯ ބަލަން އިމިގްރޭޝަނުން މިއަދު މާލެއާއި ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 88 ތަނެއް ވަނީ ބަލައި ޗެކް ކޮށްފައެވެ.

އެގޮތުން އޭގެތެރެއިން 41 ތަނެއް ޖޫރިމަނާކޮށްފައި ވާއިރު، ޖޫރިމަނާ ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ 24 ފިހާރަ އަކާއި 16 ކެފޭ/ރެސްޓޯރަންޓުގެ އިތުރުން ގެސްޓް ހައުސް އެކެވެ.

އިމިގްރޭޝަނުން މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން މިއަދު ވަނީ ބިދޭސީ ސޭޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ 17 މީހަކު ހޯދާފަ އެވެ. މާލެއިން 12 ބިދޭސީ ކޭޝިއަރުން ހޯދާފައި ވާއިރު، އައްޑޫ އިން ތިން މީހަކު އަދި ކުޅުދުއްފުށިން ދެ މީހަކު ވަނީ ހޯދާފަ އެވެ.

ބިދޭސީ ސޭޓުން ބޭތިއްބުމުގެ އިތުރުން ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ވިޔަފާރި ހުއްދަ އާންމުކޮށް ފެންނާނެހެން ބަހައްޓާފައިނުވާ ދެ ފިހާރަ އަކާއި ކެފޭއެއް ފާހަގަ ކުރެވުނު ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: އިމިގްރޭޝަން

ގަވާއިދުގައިވާގޮތުން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭ ފަދަ ތަންތަނުގައި ބިދޭސީ ސޭޓުން ތިބިތޯ ބަލަން އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނީ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ޖުމްލަ 103 ތަނެއް ވަނީ ޖޫރިމަނާކޮށްފައެވެ.