05 Jan 2016, 16:39
ކުވެއިތު (ޖެނުއަރީ 5): ޝީއީ ޝެއިހަކު މަރާލުމާ ގުޅިގެން އީރާނާއި ސައުދީ އަރަބިއާ ދެމެދު މައްސަލަ ހޫނުވުމުގެ ސަބަބުން ކުވެއިތުގެ ސަފީރު އަނބުރާ ގައުމަށް ގެންދިއުމަށް ކުވެއިތުން ނިންމައިފި އެވެ.
ސައުދީ އަރަބިއާ އިން ޝީއީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް ނިމްރު އަލް ނިމްރުއާއި އިތުރު 46 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އީރާނުގެ ބައެއް ރައްޔިތުން ވަނީ ވެރިރަށް ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީ އަށް ހޮނިހިރު ވަދެ އެމްބަސީގައި އަލިފާން ރޯކޮށްލާފަ އެވެ.
އޭގެ ސަބަބުން ސައުދީ އަރަބިއާ އިން ވަނީ އިރާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފަ އެވެ. އަދި ބަހްރެއިން އާއި ސޫދާނުން ވެސް ވަނީ އީރާނާ އެކު އޮތް ގުޅުންތައް ކަނޑާލައިފަ އެވެ.
ކުވެއިތުގެ ސަރުކާރުން ބުނީ ތެހެރާނުގައި ހުރި އެގައުމުގެ ސަފީރު އަނބުރާ ގައުމަށް ގެންދަނީ ސައުދީ އެމްބަސީ އަށް ދިން ހަމަލާ އަކީ ބައިނަލްއަގުވާމީ ގަބޫލުކުރުންތަކާ ހިލާފަށް ދީފައިވާ ހަމަލާއަކަށް ވުމުން ކަމަށެވެ.
ކުވެއިތުގެ ސަފީރު ގައުމަށް ގެނައި ނަމަވެސް، ކުވެއިތުގައި ހުންނަ އީރާނުގެ ސަފީރު އެގައުމުން ބޭރުކޮށްފައި ނުވެ އެވެ. އަދި އިރާނާ އެކު އޮތް ޑިޕްލޮމަޓިކް ގުޅުންތައް ކަނޑާލާފައި ވެސް ނުވެ އެވެ.