މުދަލު ޒަކާތުގެ ގޮތުގައި 2013 ވަނަ އަހަރު ކައުންސިލްތަކަށް ލިބިފައިވާ ފައިސާ އިސްލާމިކް މިނިސްޓްރީ އަށް ލިބުނުކަން ކަށަވަރު ކުރެވެން ނެތްކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2013 ވަނަ އަހަރުގެ އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކައުންސިލްތަކަށް ޒަކާތުގެ ގޮތުގައި ބަލައިގަންނަ ފައިސާ ޒަކާތު ފަންޑުގެ ޓްރަސްޓް އެކައުންޓަށް ޖަމާކޮށްފައިވާ އަދަދުތަކާއި ޖަމާނުކޮށް ކައުންސިލްތަކުގައި ބަހައްޓާފައިވާ ފައިސާ އަދަދު މޮނީޓާކުރެވޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީގައި ހަމަޖެހިފައި ނުވާ ކަމަށެވެ.

"ދެހާސް ތޭރަ ވަނަ އަހަރު ކައުންސިލްތަކަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ ހުރިހާ ފައިސާއެއް ޖަމާކޮށްފައިވާކަން ކަށަވަރު ކުރެވެން ނެތް." އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ އަހަރު އެމްއެމްއޭ އަށް ފައިސާ ޖަމާކޮށްފައި ވަނީ 43 ކައުންސިލަކުން 3.4 މިލިއަން ރުފިޔާ އެވެ.

އޮޑިޓް ރިޕޯޓްގައި ލަފާދީފައި ވަނީ މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ފައިސާ މޮނީޓާކޮށް ބެލޭނެ އިންތިޒާމް މިނިސްޓްރީގައި ގާއިމްކުރުމަށާއި އެ ފައިސާ ގަވާއިދުން ޖަމާކުރެވޭކަން ކަށަވަރު ކުރުމަށެވެ.

މާލީ އަހަރު ނިމޭ ފަހުން ކުރެވުނު ބައެއް ހަރަދުތައް އެ އަހަރުގެ މާލީ ބަޔާންތަކުގައި ހިމަނާފައިނުވުވުމާއި ހަރުމުދަލުގެ ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައި ނުވުން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

ހަމައެހެންމެ މިނިސްޓްރީން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ޕުރޮޖެކްޓްތައް ލަސްވެފައިވާ އިރު އެކަށީގެންވާ ބާރު މިނެއްގައި ފިޔަވަޅު އަޅާފައި ނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.