05 Jan 2016, 15:14
އެމްއެންޑީއެފްގެ ހަތިޔާރު ގުދަނުން ހަތިޔާރު ވަގަށް ނެގުނުއިރު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ގެއަށް ހަތިޔާރު ވައްދައި އޭނާ ފްރޭމް ކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށް ނާޒިމްގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
މިއަދު ހައިކޯޓުގައި ބޭއްވި ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ވަކީލު ވިދާޅުވީ، އެމްއެންޑީއެފްގެ ގުދަނުން ބަޔަކަށް ހަތިޔާރު ނެގެނު އިރު ނާޒިމްގެ އެޕާޓްމެންޓަށް ހަތިޔާރު ވައްދައި ނާޒިމް ފްރޭމް ކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ.
ސުއޫދު ވިދާޅުވީ، ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް އެމްއެންޑީއެފް މީހުންނާއި އެހެންވެސް މީހުންނަށް ވަދެ އުޅުމުގެ ފުރުސަތު އޮތް ކަމަށް ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުގެ ތަޅުދަނޑި އެހެންވެސް މީހުންނަށް ލިބޭނެހެން ނާޒިމްގެ ކާރުކޮޅުގައާއި އެމްއެންޑީއެފްގެ ކަބަޑެއްގެ ތެރޭގައި އޮންނަ ކަމަށް ހެކިން ހެކިބަސް ދިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ނާޒިމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ވެސް ތަހުގީގު ފުރިހަމަ ނުކޮށް ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ނާޒިމްގެ މައްސަލައިގައި ހުށަހެޅި ހެކިންގެ ހެކިބަހާއި ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ދަށުކޯޓުގެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މައްސަލައިގައި ހެކިބަސް ދިން އެއްވެސް ހެއްކެއްގެ ބަހުން ނާޒިމްގެ ގެއަށް އެއްވެސް މީހަކު ވަން ކަން އެނގެން ނެތް ކަމަށެވެ. އަދި ނާޒިމް ކާރުގައި ބާއްވާ އޭނާގެ އެޕާޓްމެންޓުގެ ތަޅުދަނޑި ގެއްލިގެން އުޅެފައި ނުވާކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ފުލުހުންނަށް ދީފައިވާ ބަޔާނުގައިވެސް، ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުގެ ސިޓިން ރޫމު ނޫން އިތުރު ތާކަށް ގޭން ބޭރު މީހުންނަށް ނުވަދެވޭނެ ކަމަށް ބުނެފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
މައްސަލައިގައި ހުށަހެޅުނު ހެކިތަކާއި ދެކެވުނު ވާހަކަތަކަށް ރިއާޔަތްކޮށް މައްސަލައިގައި "ފައިސަލާކުރަނިވި" ހުކުމެއް ކޮށްދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ.
ފަނޑިޔާރުން ވިދާޅުވީ، މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށާއި ހުކުމް ކުރާ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ހެކިބަސްދީފައިވާތީ އެވެ.