ގައުމީ ޓީމުގެ މިޑްފީލްޑަރެއް ކަމަށްވާ މުހައްމަދު އާރިފް (ބަކާ) ވެސް ބަންގުބަންދު ގޯލްޑް ކަޕުގައި ނުކުޅެން ނިންމާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ޓީމުގެ ގޯލް ގިނަ ދުވަސްތަކެއް ވަންދެން ބެލެހެއްޓި ކީޕަރު އިމްރާން މުހައްމަދު ވެސް ބަންގުބަންދު ގޯލްޑް ކަޕުގައި ނުކުޅެން ނިންމާފައިވާ ކަމަށް ބުނެފައި ވަނީ މިއަދު އެވެ.

ބަކާ ބުނެފައި ވަނީ އޭނާގެ "ޕާސަނަލް" ކަމަކާ ގުޅިގެން ބަންގުބަންދު ގޯލްޑް ކަޕުގައި ނުކުޅެން ނިންމާފައިވާ ކަމަށެވެ.

ގައުމީ ޓީމަށް ބަކާ ކުޅެން ފަށާފައި ވަނީ 2008 ވަނަ އަހަރުން ފެށިގެންނެވެ. އެއަށްފަހު ގަވާއިދުން ޓީމަށް ކުޅެމުން އަންނަ ބަކާއަކީ ޓީމުގެ ވަރަށް މުހިއްމު މިޑްފީލްޑަރެކެވެ.

ގަވާއިދުން ގައުމީ ޓީމުގެ މެޗުތަކުގައި ކުޅެމުން އައި ބަކާއަށް މިފަހަރުގެ ސާފް ސުޒުކީ ކަޕުގައި ކުޅުމަށް އެކަށީގެންވާ ފުރުސަތުތަކެއް ޓީމުގެ ކޯޗު ރިކީ ހާބާޓް ދީފައެއް ނުވެއެވެ.

ކީޕަރު އިމްރާން ބަންގުބަންދު ކަޕުގައި ބައިވެރި ނުވުމަށް ނިންމާފައި ވަނީ ޒުވާން ކީޕަރުންނަށް އިތުރު ފުރުސަތުތަކެއް ދިނުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބަންގް ބަންދު ގޯލްޑް ކަޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަކީ ހޯމަ ދުވަހު ނުކުންނާނީ ކެމްބޯޑިއާ ދެކޮޅަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ބަހުރޭން އަދި ބަނގްލަދޭޝްގެ އޮލިމްޕިކް ފުޓްބޯޅަ ޓީމެވެ.