05 Jan 2016, 15:02
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ސްރީލަންކާއަށް އިއްޔެ ވަޑައިގެންފި އެވެ.
ނަވާޒް ސްރީލަންކާއަށް އިއްޔެ ވަޑައިގަތީ، ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުވަތަކަށެވެ. ނަވާޒްއަށް އިއްޔެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.
ނަވާޒް ޝަރީފާއި ރައީސް ސިރިސޭނާގެ ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ކޮލޮމްބޯގަ އެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ އެއްބާރުލުން ދިނުމާއި ބެހޭ ގޮތުން މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އެ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ، ސައިންސާއި ޓެކްނޮލޮޖީ، ވިޔަފާރި، ތަފާސް ހިސާބުތައް، އަލިމަހާއި ގަހަނާގެ ވިޔަފާރި، ސަގާފަތާއި އާދަކާދަ އަދި މަނީ ލޯންޑަރިންގާއި ޓެރަރިޒަމަށް ޚަރަދުކުރުން ހުއްޓުވުން ހިމެނެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ސްރީލަންކާގެ މެދުތެރޭގައި އޮންނަ ކެންޑީ އަވަށަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވެސް ވަނީ މިދިޔަ އަހަރު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.