ވޮޝިންޓަން (ޖަނަވަރީ 5) : އެމެރިކާއަކީ ރަޝިޔާގެ އަމްނާއި ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ރަޝިޔާގެ އަމަނާ ބެހޭ އައު ސްޓްރެޓެޖީގައި ހިމެނުމުން އެކަމާދެރަވެ އަދި ހައިރާންވާކަމަށް އެމެރިކާ ބުނެފި އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ އެމެރިކާއަކީ ރަޝިޔާގެ އަމްނާއި ސަލާމަތަށް އެއްވެސް ވަރަކަށް ނުރައްކާކުރާ ގައުމެއްނޫންކަމަށާއި އެފަދަ ސަބެއްވެސް ނެތް ކަމަށެވެ. ޕެންޓަގްންގެ ތަރްޖަމާން ޖެފް ޑޭވިސް ވިދާޅުވީ އެމެރިކާއާއި ރަޝިޔާއާ ދެމެދުގައިވާ ގުޅުންތައް ގޯސްވެ ދެގައުމުގެ ދެމެދުގައިވާ ޚިލާފްތައް ބޮޑުވެފައިވީ ނަމަވެސް އެމެރިކާއަކީ ރަޝިޔާގެ އަމްނާއި ސަލާމަތަށް ނުރައްކާކުރަން މަސައްކަތްކުރާ ގައުމެއްނޫންކަމުގަ އެވެ. އަދި ރަޝިޔާއާ އެކު ހަތިޔާރު ކުރިމަތިލުމަކަށް ދިޔުމަކީ އެމެރިކާ ކުރާނެކަމެއްނޫންކަމަށާއި އެއީ އެމެރިކާއަށް އެއްވެސް މަސްލަހަތެއްއޮތްކަމެއް ނޫން ކަމަށް ވެސް ޑޭވިސް ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ވަލްޑިމިއަރ ޕޫޓިން ސޮއިކުރެއްވައި ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ދާދިފަހުން ނެރުނު އެގައުމުގެ އަމަނާބެހޭ އައު ސްޓްރެޓެޖީގައި އެމެރިކާއާއި ނޯޓޯއަކީ ރަޝިޔާގެ އަމްނާއި ސަލާމަތަށްހުރި ނުރައްކާތަކުގެ ގޮތުގައި ފާހަގަކޮށް އެދެފަރާތުގެ ނުރައްކަލާކުރިމަތިލާންޖެހޭ ކަމަށް ބުނެފައިވެ އެވެ. ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ އައު ސްޓްރެޓެޖީގައި އެމެރިކާ ދުނިޔޭގައި ހިންގާ އަސްކަރީ ހަރަކާތްތަކަށާއި އަދި ނޭޓޯ ފުޅާކުރުމަށް ކުރާ މަސައްކަތްތަކާ މެދު ފާރަވެރިވުމަށް އެގައުމުގެ ދިފާއީ ވުޒާރާއަށާއި އަމްނާބެހޭ އިދާރާތަކަށް ގޮވާލާފައިވެ އެވެ. މިއީ 2009 ވަނަ އަހަރު ރަޝިޔާގެ އޭރުގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް ސޮއިކުރެއްވި ރަޝިޔާގެ އަމަނާ ބެހޭ އައު ސްޓްރެޓެޖީ ބަދަލުކޮށް ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އަލަށް އެކުލަވާލި ސްޓްރެޓެޖީ އެވެ. އޭގެކުރިން އެމެރިކާއާއި ނޯޓޯއަކީ ރަޝިޔާގެ އަމްނާއި ސަލާމަތަށް ހުރި ނުރައްކާތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ކުރީގެ ރޫސީވިލާތުގެ އަމްނާ ބެހޭ ސްޓްރެޓެޖީގަ އެވެ. އެއީ ބޮޑުދެބާރުގެ ފިނި ހަނގުރާމައިގެ ދުވަސްވަރެވެ.

މިހާރުގެ ރަޝިޔާއާއި އެމެރިކާއާދެ މެދު ގުޅުންތައް ގޯސްވީ ދެހާސް ތޭރަ ވަނަ އަހަރުގެ ފަހުކޮޅުގައި ކުރިމަތިވި ޔުކްރޭންގެ މައްސަލައަށް ފަހު ގަ އެވެ.

ޔުކްރޭންގް ވެރިކަން އެމެރިކާ އަޑީގައި އޮވެގެން ބަދަލުކޮށްލުމާއި ރަޝިޔާއާ ދިމާއަށް ނޭޓޯ ފުޅާކުރަން ފެށުމުގެ ސަބަބުން ރަޝިޔާ ވެސް ވަނީ އެގައުމުގެ ބާރު އެމެރިކާއަށް ދައްކަން ފަށައިފަ އެވެ. އަދި ނޭޓޯ ފުޅާކުރުމާދެކޮޅަށް ރަޝިޔާ އިން ވަނީ އެމެރިކާގެ ރަހްމަތްތެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށްގެން ނިއުކްލިޔާ މިސައިލްވެސް ރުކުރުވާލާފަ އެވެ. މިއާއެކު އެމެރިކާއާއި ޔޫރަޕުން ވަނީ ރަޝިޔާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފަ އެވެ. އަދި ރައްދުގައި ރަޝިޔާވެސް ވަނީ އެގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކުގައި އެމެރިކާގެ ފިކުރާއި އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅަށް ރަޝިޔާ ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ވެސް ކޮށް އެމެރިކާއާ ވާދަކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއަށްވަނީ ރަޝިޔާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. (އަލްޖަޒީރާ)