05 Jan 2016, 14:53
ސުލްހަ ގާއިމު ކުރުމުގެ މަގްސަދުގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރާ "ޕީސް ބޯޓު"ގެ ބައިވެރިންނާއި ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި)ގެ ކާފު ޗެޕްޓާގެ ފަރާތްތަކުން ބައިވެރިވެ އާޓިފިޝަލް ބީޗު ސަރަހައްދު ސާފުކޮށްފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ޖޭސީއައިގެ މީޑިއާ އެންޑް މާކެޓިން ޑިރެކްޓަރު އާދަމް މިގްދާދު ވިދާޅުވީ މިއަދު ގެންދިޔަ އެ ހަރަކާތަކ ރާއްޖޭގެ ތިމާވެށްޓާ މެދު އާންމުންގެ މެދުގައި ހޭލުންތެެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
"ޕީސް ބޯޓުގެ ޕާޓިސިޕެންޓްގެ އިތުރުން ގިނަ އަދަދަކަށް ވޮލެންޓިއަރުން މި ޕްރޮގްރާމްގައި ވަނީ ބައިވެރި ވެފައި. އަދި ޖޭސީއައިގެ މެމްބަރުންވެސް ވަނީ އެ ޕްރޮގްރާމްގައި ބައިވެރި ވެފައި،" އޭނާ ވިދާޅުވިއެވެ.
މިގްދާދު ވިދާޅުވީ އެ ހަރަކާތުގައި ޕީސް ބޯޓުގެ ފަރާތުން 20 ހާ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ވޮލެންޓިއަރުންގެ ގޮތުގައި ޖޭސީއައިގެ މެމްބަރުންނާއި އެހެން ފަރާތްތަކާއެކު އިތުރު 30 ހާ މީހުން ބައިވެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޓިފިޝަލް ބީޗު ސާފުކޮށް ގިނަ އަދަދެއްގެ ކުނި އެއްކޮށްފައިވާ ކަމަށް މިގްދާދު ވިދާޅުވިއެވެ. އަދި ވޮލަންޓިއަރުން ޕީސް ބޯޓަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުން މީހުން ގޮވައިގެން އެކި ގައުމުތަކަށް މަޑު ކުރާ ޕީސް ބޯޓު ވަނީ 2013 ވަނަ އަހަރުވެސް ރާއްޖެއަށް އައިސްފައެވެ.