05 Jan 2016, 17:17
ދެކުނު ކޮރެއާގެ ޖިން އެއާގެ ފްލައިޓެއް، އެ ފްލައިޓުގެ ދޮރު ރަނގަޅަށް ނުލައްޕައި 30 މިނިޓު ވަންދެން ވައިގެ ތެރޭގައި ދަތުރުކޮށްފި އެވެ.
ފިލިޕީންސްގެ ސެބޫއިން ދެކުނު ކޮރެއާގެ ބުސާންއަށް ދަތުރު ކުރަމުން ދިޔަ މި ފްލައިޓުގެ ދޮރެއް ރަނގަޅަށް ނުލެއްޕި ހުރިކަން އެނގުނީ، ފްލައިޓުގެ ދޮރާ ދިމާލުން އާދަޔާ ޚިލާފު އަޑެއް އިވެމުން ދިއުމުގެ ސަބަބުންނެވެ. ފްލައިޓުގެ ތެރޭގައި ނެގިފައިވާ ވީޑިއޯއަކަށް މި އަޑު ވަރަށް ސާފުކޮށް އަރާފައިވާ އިރު، ދޮރާއި ދޮރުގެ ފްރޭމްއާ ދޭތެރޭގައި ހުސް ތަން ހުރިކަން އެ ވީޑިއޯއިން ފެނެ އެވެ.
އެހެންކަމުން، އެ ފްލައިޓުގެ ދޮރު ލެއްޕުމަށް އަނބުރައި ފިލިޕީންސްގެ ސެބޫއަށް މިސްރާބު ޖެހިކަމަށް ފްލައިޓުގައި ތިބި ފަސިންޖަރުން ބުނެ އެވެ.
އެވަގުތު ފްލައިޓުގައި 163 ފަސިންޖަރުން ތިބި އިރު، ފްލައިޓުގެ ދޮރު ނުލައްޕައި ހުރުމުގެ ސަބަބުން ފްލައިޓުގެ ކެބިން ތެރޭގައި އުފެދުނު އަޑުތަކާއި ގުޅިގެން ބައެއް ފަސިންޖަރުން ތިބީ އެމީހުންގެ ބޮލާއި ކަންފަތްތަކުގައި ރިއްސާފަ އެވެ.
ޖިން އެއާގެ މި ފްލައިޓު އަނބުރައި ފިލިޕީންސްގެ ސެބޫއަށް ދިއުމަށް ފަހު، އޭގައި ދަތުރުކުރި ފަސިންޖަރުން ބުސާންއަށް ފޮނުވާލާފައި ވަނީ އެހެން ފްލައިޓެއްގަ އެވެ.
މި ހާދިސާ އާ ގުޅިގެން، ޖިން އެއާގެ ފަރާތުން ވަނީ ފަސިންޖަރުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.
ޖިން އެއާ އަކީ، ދެކުނު ކޮރެއާގެ ޤައުމީ އެއާލައިން ކޮރެއަން އެއާއިން ހިންގާ ބަޖެޓް އެއާލައިނެކެވެ.