ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ގިނަ ދުވަސް ތަކައް ވަންދެން ބެލެހެއްޓި ކީޕަރު އިމްރާން މުހައްމަދު ބަންގުބަންދު ގޯލްޑް ކަޕުގައި ނުކުޅެން ނިއްމައިފި އެވެ.

އުމުރުން 35 އަހަރުގެ އިމްރާން ބަންގުބަންދު ގޯލްޑް ކަޕުގައި ނުކުޅޭނެކަން ހާމަކޮށްފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖުގަ އެވެ. އަންނަ ހުކުރު ދުވަހު ބަންގްލަދޭޝްގައި ފަށާ އެ މުބާރާތުގައި އިމްރާން ނުކުޅޭނެ ކަން ހާމަކޮށް ފޭސްބުކްގައި މިއަދު ބުނީ އެ މުބާރާތުގައި އޭނާ ފެނިގެން ނުދާނެ ކަމަށާއި ބޭނުން ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.

"ޓީމާއި ކުޅުންތެރިންނަށް ކާމިޔާބީއަށް އެދެން. އަހަރެންގެ ބޭނުން ޓީމަށް ބޭނުންވި ކޮންމެ ހިނދެއްގައި ވީ ވަރަކުން އެހީތެރިކަން ފޯރު ކޮށްދިނުމަށް މަސަތްކަތް ކުރާނަން،" އިމްރާން ބުންޏެވެ.

އެ މުބާރާތަށް އިމްރާން ނުދާން ނިންމުމުން އޭނާގެ ބަދަލުގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމުގެ ފުރުސަތު ތަނަވަސްވެގެންދާނީ އީގަލްސްގެ ކީޕަރު މުހައްމަދު ފައިސަލް އާއި ޓީސީގެ މުހައްމަދު އިމްރާން އާއި ބީޖީގެ އިބްރާހިމް އިފްރާހް އާރިފްގެ ތެރެއިން ކޮންމެ ވެސް އެއް ކީޕަރަކަށެވެ.

ގައުމީ ޓީމުގެ ގޯލް 1999 ވަނަ އަަހަރުން ފެށިގެން ބަލަހައްޓަމުން އަންނަ އިމްރާނަށް އަނިޔާއެއް ނުވާ ކޮންމެ މުބާރާތެއްގައި ވަރަށް ހުޝިޔާރު ކަމާ އެކީ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާނު ބުނީ އެ ނިންމުމަކީ އޭނާ އަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި ނަމަވެސް ކޯޗު ވެސް މަޝްވަރާ އާއި އެކީގައި އެ ނިންމުން ނިންމީ ކަމަށެވެ.

ރާއްޖެ އާއި ސްރީލްންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިމްރާން ވަނީ މި އަހަރުގެ މުބާރާތުގައި ވެސް ގައުމީ ޓީމުގެ ގޯލް ބަލަހައްޓާފަ އެވެ. ނަމަވެސް ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެ މުބާރާތުގައި އޭނާ އަށް ވަނީ މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެ ސެމީ ފައިނަލްގައި އިންޑިއާ އަތުން 3-2 ގެ ނަތީޖާ އަކުން ބަލިވެ މުބާރަތުން ވަކިވާން ޖެހިފަ އެވެ.

އެ ގޮތުން އިމްރާން ބުނީ އޭނާ ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތަށް ތަކެއް ހުރިކަން ގަބޫލު ކުރާ ކަަމަށެވެ.

ބަންގް ބަންދު ގޯލްޑް ކަޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަކީ ހޯމަ ދުވަހު ނުކުންނާނީ ކެމްބޯޑިއާ ދެކޮޅަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ބަހުރޭން އަދި ބަނގްލަދޭޝްގެ އޮލިމްޕިކް ފުޓްބޯޅަ ޓީމެވެ.