ނިއުޔޯކް (ޖެނުއަރީ 5): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ޓީވީ އިޝްތިހާރުގައި ބުނަނީ އޭނާ ރައީސަކަށް ހޮވިއްޖެ ނަމަ "ވަރަށް އަވަހަށް އައިއެސްގެ ބޯ ކަނޑާލައި" އެމީހުންގެ ތެޔޮ އަތުލާނެ ކަމަށެވެ.

އިއްޔެ ނެރުނު އިޝްތިހާރުގައި ފެނިގެންދަނީ އެމެރިކާގެ ކެލިފޯނިއާގައި ހަމަލާދިން ދެ މީހުންނާއި އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގު ކައިރިން ބަޔަކު ދުވެފައިދާ ތަނާއި އައިއެސްގެ ހަނގުރާމަވެރިންނެވެ.

"މުސްލިމުން އެމެރިކާ އަށް ވަނުން ވަގުތީ ގޮތުން ހުއްޓުވަން އޭނާ [ޓްރަމްޕް] ގޮވާލާ ސަބަބަކީ އެއީ،" ވީޑިއޯ އިން ފެނުނު މީހުންނަށް އަމާޒުކޮށް އިޝްތިހާރުގައި މީހަކު ބުނާ އަޑު އިވެ އެވެ.

"[ޓްރަމްޕް] ވަރަށް އަވަހަށް އައިއެސްގެ ބޯ ކަނޑާލައި އެމީހުންގެ ތެޔޮ އަތުލާނެ. އަދި މެކްސިކޯގެ ހަރަދުގައި އެމެރިކާގެ ދެކުނު ސަރަހައްދީ ރޮނގުމަތީގައި ފާރެއް އެޅުމަށް ފަހު، ގާނޫނާއި ހިލާފަށް މެކްސިކޯ އިން އެމެރިކާއަށް ވަންނަ މީހުން ހުއްޓުވާނެ،" އިޝްތިހާރުގައި ބުނެ އެވެ.

ދެން ފެނިގެންދަނީ ޓްރަމްޕް ކެމްޕެއިން ރެލީއެއްގައި "އަހަރުމެން އަނެއްކާ ވެސް އެމެރިކާ މޮޅު ކުރާނެ" ކަމަށް ވިދާޅުވާ މަންޒަރެވެ.

މިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ އޭނާގެ ކެމްޕެއިނަށް ކޮންމެ ހަފްތާއަކު ދެ މިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (ނޫސް އޭޖެންސީތައް)