ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވުމަށް ފަރިތަކުރާ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ 14 ކުޅުންތެރިންގެ ސްކޮޑް މޯލްޑިވިސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިއުލާން ކޮށްފި އެވެ.

މިމަހުގެ 10 އިން 20 އިންޑިއާގެ އިރުމަތީގެ އާސާމްގެ ގުވާހަޓީ އަދި ޝިލޮން ގައި ބާއްވަން ނިންމައިފިވާ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާ ގައުމީ ބާސްކެޓް ބޯޅަ ޓީމްގެ 14 ކުޅުންތެރިންގެ ސްކޮޑް ރޭ އިއުލާން ކޮށްފައިވާ އިރު އޭގެ ތެރެއިން ދެ ކުޅުންތެރިއަކު ބައިކީ ކޮށް 12 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އަދި ފަހުން އިއުލާން ކުރާނެ ކަމަށް އެމެބީއޭ އިން ބުނެއެވެ.

ބާސްކެޓް ބޯޅައިގެ މުބާރާތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަހު ކޮޅު ނިމުނު އިރު އެމްބީއޭއިން ވަނީ 35 ކުޅުންތެރިންގެ ބޮޑު ސްކޮޑަކާއެކީ ސައުތު އޭޝިއަން ގޭމްސް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށާފަ އެވެ.

އެ ގޮތުން ގައުމީ ބާސްކެޓް ބޯޅަ ޓީމާ އެކު ސައުތު އޭޝިއަން ގޭމްސްއަށް ދިއުމަށް ހަމަޖައްސާފައިވާ ކޯޗް، އަހްމަދު ފަޔާޒް މިއަދު 'ސަން' އަށް ބުނީ ވޭތުވެ ދިޔަ ދެ މަސް ތެރޭގަައި ގިނަ ކުޅުންތެރިން ތަކަކާ އެކު ފަރިތަކޮށް ސްކޮޑް 14 ކުޅުންތެރިންނަށް ތިރިކޮށްފައިވާ އިރު ކުޅުންތެރިން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ފަރުތަކުރުން ތަކުގައި ބައިވެރި ވަމުން އަންނަ ކަމަށެވެ.

"ކުޅުންތެރިން ވަރަށް ބުރަކޮށް ފަރިތަކުރުންތަށް ގެންގޮސްފައިވަނީ. މި ދިޔަ ދެ މަސް ތެރޭގައި ކޮންމެ ދުވަހަކު ދެ އިރި ކުޅުންތެރިންނާއި އެކީ ފަރިތަކުރަމުން މިދަނީ. ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" ފަޔާޒް ބުންޏެވެ.

އޭނާ ބުނީ ޓީމާއި ދޭތެރޭގައި ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށާއި މި ފަހަރުގެ މުބާރާތަށް ޓީމު ނުކުންނައިރު އަމާޒަކީ މެޑަލެއް ހޯދުން ކަމަށެވެ.

ސައުތު އޭޝިއަން ގޭމްސްއަށް ފަރިތަކުރާ ގައުމީ ބާސްކެޓް ބޯޅަ ޓީމް

ޓީރެކްސް ބާސްކެޓް ބޯލް ކުލަބް

  • އަހްމަދު ޒަބީރު

  • އިބްރާހިމް ރަޝްވާން
  • ޒަކަރިއްޔާ އަބްދުލް ލަތީފް
  • އިސްމާއިލް ވިލްދާން
  • އިލިޔާސް އިބްރާހިމް

ހަރިކޭން ބާސްކެޓް ބޯލް ކުލަބް

  • އަހުމަދު އިފްސާހް

  • އަހުމަދު އަދުހަމް

ރެޑްލައިން ކުލަބް

  • މުހައްމަދު ޒިލާލް

  • އަހުމަދު ފިރާޝް
  • ހުސެއިން ހަލީމް
  • އަލީ ފަޒްލީ

ޔުނައިޓެޑް ނެޓްވޯކް އޮފް ފްރެންޑްސް

  • އަބްދުﷲ އަމްޒާރ

  • އިބްރާހިމް ނަސީމު

ސްޓިންގާސް ބާސްކެޓް ބޯލް ކުލަބް

  • ރިޝްފާން ރަޝީދު

އެ ޓީމުގެ ކޯޗަކަށް ރެޑްލައިންގެ އަހްމަދު ފަޔާޒް ހަމަޖައްސާފައިވާ އިރު އެސިސްޓެންޓް ކޯޗަކީ މުހައްމަދު ވަހީދު އެވެ. ޓީމުގެ މެނޭޖަރަކަށް އާތިފް އަލީ ހަމަޖައްސައި އެސިސްޓެންޓް މެނޭޖަރަކަށް އަސްއަދު މުހައްމަދު އެމްބީއޭ އިން ވަނީ އައްޔަނު ކޮށްފައެވެ.