ހުޅުމާލޭ ހޮސްޕިޓަލުގައި ތެލެސީމިއާ ސްކްރީން ކުރެވޭނެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފި އެވެ.

މިއަދުން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލްގައި ތެލެސީމިއާ ޓެސްޓް ކުރެވޭ އިރު އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައި ވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޝާކިރު ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުން ތެލެސީމިއާ ސްކްރީނިން ހެދުމުގެ ޚިދުމަތް ކޮންމެ މީހަކަށް ވެސް ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި ލޭގެ ސާމްޕަލް ނަގާ ދުވަހުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ނަތީޖާ ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތެލެސީމިއާ ސްކްރީން ކުރުމަށް ފަހު ކައުންސިލިންގެ ހިދުމަތް ބޭނުންފުޅުވާ ބޭފުޅުންނަށް ކައުންސިލިން ދިނުމުގެ ހިދުމަތް ވެސް އަޅުނގަޑުމެން ފޯރުކޮށްދޭނަން،" ހުޅުމާލެ ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާކިރު ވިދާޅުވި އެވެ.

މަހެއްގެ މައްޗަށް ގާތްގަނޑަކަށް 15000 މީހުން ހިދުމަތް ހޯދާ ހުޅުމާލެ ހޮސްޕިޓަލުން ތެލެސީމިއާ ސްކްރީނިންގެ ހިދުމަތްދޭނީ ވަކި ދުވަސްތަކެއްގަ އެވެ. އެގޮތުން އެ ޓެސްޓް ހެދޭނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގަ އެވެ.

ޝާކިރު ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭގައި ލޭ އަޅާ ކުދިންނަށް ލޭ އެޅުމުގެ ހިދުމަތް ވެސް ފެއްޓެވުމަށާއި މި މަސް ނިމުމުގެ ކުރިން އަލްޓްރާ ސައުންޑް ސްކޭނިންގެ ޙިދުމަތް އެ ހޮސްޕިޓަލުން ދިނުމަށް ޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށެއްގައި ތެލެސީމިއާ ޓެސްޓް ކުރުމުގެ ހިދުމަތް ގާއިމު ކުރާނެ ކަމަށެވެ.