ދާދި ފަހުން އަލަށް ފެނުނު އާ ހަތަރު ކެމިކަލް މާއްދާއެއް ޕީރިއަޑިކް ޓޭބަލްގައި ހިމަނައިފި އެވެ. ޕީރިއަޑިކް ޓޭބަލްއަކީ، ކެމިކަލް މާއްދާތައް އެތަކެތީގެ މަޢުލޫމާތާ އެކު ވަކި އޯޑަރަކަށް އަތުރާފައި އޮންނަ ޗާޓެކެވެ.

ޖަޕާން، ރަޝިޔާ އަދި އެމެރިކާގައި ސައިންސްވެރިން ހޯދި މި ހަތަރު އާ ކެމިކަލް މާއްދާއާ އެކު، ޕީރިއަޑިކް ޓޭބަލްގައި އޮންނަ ހަތް ބަރީގެ ތެރެއިން އެންމެ ފަހު ބަރި މިހާރު ވަނީ ފުރާލައިފަ އެވެ. އެ ޗާޓުގައި މިހާރު ޖުމްލަ 118 މާއްދާ ލިސްޓް ކުރެވިފައިވެ އެވެ.

އަލަށް ހޯދުނު ހަތަރު މާއްދާއަށް މިވަގުތު ވަނީ ވަގުތީ ނަންތަކެއް ހަމަޖައްސައިފަ އެވެ. އެއީ، މާއްދާ 113 "އަންއަންޓްރިއަމް"، މާއްދާ 115 "އަންއަންޕެންޓްރިއަމް"، "މާއްދާ 117 "އަންއަންސެޕްޓިއަމް" އަދި މާއްދާ 118 "އަންއަނޮކްޓިއަމް" އެވެ.

ވަގުތީ ގޮތުން ނަން ދެވިފައިވާ އިރު، އެ މާއްދާތަކަށް ދާދި އަވަހަށް ދާއިމީ ނަންތައް ހަމަޖެހިގެން ދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ. ކެމިސްޓްރީގެ މާއްދާތަކަށް ދާއިމީ ނަން ހަމަޖައްސާ އިރު، އާންމުކޮށް ނަން ދެނީ ފުލޯކު ވާހަކައެއްގެ ކޮންސެޕްޓެއް، މިނަރަލްއެއް، ގައުމެއް ނުވަތަ ތަނެއް، ނުވަތަ ސައިންސްވެރިއެއްގެ ނަމާ ގުޅުވައިގެންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ހޯދުނު، ކެމިސްޓްރީގެ މި ހަތަރު މާއްދާ، އިންޓަނެޝަނަލް ޔޫނިއަން އޮފް ޕިއޯ އެންޑް އެޕްލައިޑް ކެމިސްޓްރީ އިން ކަށަވަރު ކޮށްދިނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހުގަ އެވެ.

އަލަށް ހޯދުނު ހަތަރު މާއްދާއަކީ ސިންތަޓިކް މާއްދާތަކެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. ސައިންސްވެރިން މިތަކެތި ހޯދާފައި ވަނީ ނިއުކްލިއަސްތަކެއް އެކަތި އަނެކައްޗާ ޖައްސުވައި، ރޭޑިއޯއެކްޓިވް މާއްދާތަކެއް ފަނާވެ، ނެތިގެން ދާ ގޮތް ބަލައިގެންނެވެ.