05 Jan 2016, 12:12
ސިވިލްސާވިސް މުވައްޒަފުން ސަލާމް ބުނެގެން ސާވިސް އެލަވަންސުން ކުރިން އުނިކުރި ފައިސާ ދޭން ނުޖެހޭނެ ކަމަށް އެޖީ އޮފީހުން ބުނެފި އެވެ.
ސަލާމް ބުނުމުން ސާވިސް އެލަވަންސުން އުނިކުރެވޭ ކަމަށް ބުނާ މާއްދާ ހަައިކޯޓުން ވަނީ މިދިޔަ ނޮވެމްބަރު މަހު ބާތިލު ކޮށްފަ އެވެ. ހައިކޯޓުން އެމާއްދާ ބާތިލު ކުރުމާ ގުޅިގެން އޭގެ ކުރިން އުނިކޮށްފައިވާ ފައިސާ ހޯދަން މީހަކު ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.
އެމައްސަލާގައި އޭޖީ އޮފީހުން ބުނެފައިވަނީ ހުކުމުގެ އިލްޒާމީ ބާރު ފެށޭނީ އެމައްސަލައިގެ ހުކުމް ކުރި ދުވަހުން ފެށިގެން ކަމަށާއި ސާވިސް އެލަވަންސުން ކެނޑޭގޮތަށް އޮތް މާއްދާ ބާތިލު ކޮށްފައިވަނީ ނޮވެމްބަރު 17 ދުވަހު ކަމަށެވެ. އަދި އެދުވަހުގެ ކުރިން އުނިކުރި ފައިސާ ދޭން ނުޖެހޭނެ ކަމަށް އެޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އެމައްސަލާގައި އޭޖީ އޮފީހުގެ ލަފައަކަށް ސިވިލް ސާވިސް ކޮމިޝަނުންވެސް ވަނީ އެދިފަ އެވެ.
ސިވިލްސާވިސް މުވައްޒަފުން ސަލާމުގައި ހުންނަ ދުވަސްތަކުގައި ސާވިން އެލަވަންސުން އުނިކުރަންޖެހޭނެ ކަމަށް ސިވިލް ސާވިސްގެ ގަވާއިދުގައި ބުނާ މާއްދާ ހައިކޯޓުން ބާތިލު ކުރުމަށް ފަހު ކުރި ހުކުމުގައި ބުނެފަައި ވަނީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ ހައްގު ލިބިގެންވާކަމަށެވެ.
އަދި އެމާއްދާގެ (ރ) ގައި، ކޮންމެ މީހަކަށްމެ އުޖޫރައާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
ގާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކުރާ ފަދައިން ވަޒީފާއަދާކުރާ މުވައްޒަފުންނަށް ހައްގުވާ ޗުއްޓީތަކަކީ ކޮބައިކަން ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންވެގެން އޮންނަކަމަށާއި އެއީ ބަލިވެގެން ސަލާމް ބުނުމުގެ ޗުއްޓީއާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި މަޔަކަށް ނުވަތަ ބަފަޔަކަށްވުމުން ލިބޭ ޗުއްޓީއާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމުންދެވޭ ޗުއްޓީއާއި ޚިތާނުކުރުމާ ގުޅިގެންދޭ ޗުއްޓީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.