05 Jan 2016, 12:10
ނިއުޔޯކް (ޖެނުއަރީ 5): ސައުދީ އަރަބިއާ އާއި އީރާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމަށް ފަހު ދެ ގައުމުގެ މެދުގައި އޮތް މައްސަލަ އިތުރަށް ގޯސް ވެދާނެ އަމަލުތައް ނުކުރުމަށް އެދެ ގައުމުގެ ޚާރިޖީ ވަޒީރުންނާ އިއްޔެ ފޯނުން ވާހަކަ ދައްކަވާ ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އެދިވަޑައިގެންފި އެވެ.
ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރާއި ބަންކީ މޫން ފޯނުން ދެއްކެވި ވާހަކަފުޅުގައި ބަން ވަނީ ސައުދީ އަރަބިއާ އިން ޝީއީ ޝެއިހް ނިމްރު އަލް ނިމްރު މަރާލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ބަންކީ މޫންއަކީ މަރުގެ ހުކުމް ތަންފީޒުކުރުމާ ދެކޮޅު ފަރާތެކެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގައި ހުރި ސައުދީ އެމްބަސީއަށް އަށް ދިން ހަމަލާ ކުށްވެރި ކުރެއްވި ނަމަވެސް، ބަން ވަނީ އީރާނާ އެކު އޮތް ޑިޕްލޮމަޓިކް ގުޅުންތައް ކަނޑާލުމަކީ ވަރަށް ކަންބޮޑުވާންވީ ކަމެއް ކަން ފާހަގަ ކުރައްވާފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދް ޒާރިފްއާ ވެސް ބަން ދެއްކެވީ އެއް ވާހަކަފުޅެކެވެ. ސައުދީ އިން ޝެއިހް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާއި ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީއަށް ދިން ހަމަލާ ބަން ކުށްވެރި ކުރެއްވި އެވެ. އަދި އީރާނުގައި ހުރި ޑިޕްލޮމަޓިކް އިމާރާތްތައް ރައްކާތެރި ކުރުމަށް ކުރެވެން އޮތް ކަމެއް ކުރެއްވުމަށް ބަންކީ މޫން އެދިވަޑައިގެންނެވި އެވެ.
ދެ ވަޒީރުންނާ ވާހަކަ ދައްކަވަމުން ވެސް ބަން ވަނީ ދެ ގައުމުގެ މެދުގައި އޮތް މައްސަލަ އިތުރަށް ގޯސްވެދާނެ އަމަލުތައް ނުކުރުމަށް ގޮވާލައްވާފަ އެވެ. އަދި މެދުއިރުމަތީގެ ސަލާމަތަށް ޓަކައި ދެގައުމުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިއްމުކަން ވެސް ބަން ފާހަގަ ކުރެއްވި އެވެ.
ހޮނިހިރު ދުވަހު ބަންކީ މޫންގެ ތަރުޖަމާނު އާއްމުކުރެއްވި ބަޔާނެއްގައި ބަން ވިދާޅުވީ ޝެއިހް ނިމްރު އާއި އިތުރު ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް ކޮށްފައި ވަނީ "ސުވާލު އުފެދޭ އުސޫލަކުން" ކަމަށެވެ. ބަން ވަނީ ޝެއިހް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ކުރުމުން މީގެ ކުރިން ވެސް އެތައް ފަހަރަކު ސައުދީގެ ކަމާ ބެހޭ ފަރާތްތަކާ އެހުކުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.