ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީ އިން ވިލިމާލެ އާއި ހުޅުމާލޭގެ ފެރީ ޓިކެޓްގެ އަގު އަންނަ މަހުގެ 15 އިން ފެށިގެން ބޮޑުކުރާ ގޮތަށް ނިންމައިފައިވާ ނިންމުން އެކުންފުނިން ބާތިލުކޮށް، "މިވަގުތު ޓިކެޓުގެ އަގު ބަދަލުނުކުރާ" ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޓީސީސީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނަނީ، އެ ނިންމުން ބާތިލުކުރީ މިދުސްކޮޅު ޑޮލަރުގެ އަގު މައްޗަށް ގޮސް، އިގުތިސާދީ ބޮޑެތި ދަތިތަކާ އާއްމުންނާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށެވެ.

"ޓިކެޓުގެ އަގަށް ބަދަލު ގެންނަން ނިންމުނު މިވަގުތަކީ ޑޮލަރުގެ އަގު މައްޗަށް ދިއުމާއި ގުޅިގެން އިގުތިސާދީ ބޮޑެތި ދަތިތަތަކާއި އާއްމު ރައްޔިތުން ކުރިމަތިލައްވަން ޖެހިލައްވާފައިވާ ވަގުތަކަށްވެފައި ސަރުކާރުން ވެސް ރައްޔިތުންގެ އިގުތިސާދީ ހާލަތު ހަރުދަނާކޮށް އާމްދަނީ އިތުރުކުރުމުގެ ގޮތުން ފިޔަވަޅު ތަކެއް އަޅުއްވަމުން ގެންދަވާ ވަގުތަކަށްވުމުން ކުންފުނިން މިވަގުތު ޓިކެޓުގެ އަގު ބަދަލު ނުކުރާ ގޮތަށް ނިންމައިފީމެވެ،" ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެ އެވެ.

އެމްޓީސީސީން ކުރިން ބުނެފައިވަނީ، ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޓިކެޓްގެ އަގަށް ބަދަލު ގެންނަން ނިންމައިފައިވާ ކަމަށާއި އެގޮތުން މިހާރު ފަސް ރުފިޔާ އަށް ވިއްކަމުން އައި ހުޅުމާލޭ ފެރީގެ ޓިކެޓު އަންނަ މަހުގެ 15 އިން ފެށިގެން ވިއްކާނީ އަށް ރުފިޔާ އަށް ކަމަށެވެ. އަދި ކުރިން ތިން ރުފިޔާ އަށް ވިއްކަމުން އައި ވިލިމާލޭ ފެރީ ޓިކެޓްގެ އަގު ފަސް ރުފިޔާ އަށް ބަދަލުކުރުމަށް ވެސް ނިންމައިފައިވެ އެވެ.

ގިނަ ބަޔަކު ދަތުރުކުރާ މާލޭގެ ދެ އަވަށަށް ދަތުރު ކުރުމުގެ އަގު ބޮޑުކުރަން ނިންމީ "ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކުގެ އަގުތައް ބޮޑުވެފައި ވުމުން ދެމެހެއްޓެނިވި ގޮތުގައި ފެރީގެ ހިދުމަތް ދެވޭނީ އަގުތަށް ބޮޑުކޮއްގެން ކަމަށް" ވާތީ ކަމަށް ޒަމާންތަކެއް ވަންދެން ފެރީގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނެފައި ވެއެވެ.