މާލޭގައި ހުންނަ ހުޅުމާލެ އާއި ވިލިމާލެ ޓާމިނަލުން ޕާކް ކުރުމަށް ދޫކުރާ ޖާގައިގެ އަގު ބޮޑުކޮށް އެ ޕާކިން ޒޯންތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް "ސަން"އަށް ވިދާޅުވީ ޕާކިން ޒޯންތައް މަސް ދުވަހަށް ނުވަތަ އަހަރު ދުވަހަށް ކުއްޔަށް ނަގާ ފަރާތްތަކުގެ އަތުން ނަގާ ފީ އަގު ބޮޑު ކުރަން ނިންމާފައި ވަނީ އެ ޕާކިން ޒޯންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

އަލަށް ގެންނަ ބަދަލާއެކު ޕާކިން ޒޯންތައް ބެލެހެއްޓުމަށް ސެކިއުރިޓީ ބެހެއްޓުމަށް ނިންމާފައިވާއިރު ޕާކިން ޒޯންތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ވެސް ނިންމާފައިވާކަމަށް ހަލީމް ވިދާޅުވި އެވެ.

ޕާކިން ޒޯން ތަރައްގީ ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާއިރު އަމަލީ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށައި މިމަހުގެ ތެރޭގައި ނިންމާލުމަށް ނިންމާފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

އަގަށް ގެނައި ބަދަލާއެކު ކުރިން މަހެއްގެ މައްޗަށް ކާރުގެ ފީއަކަށް 1200 ރުފިޔާ ނެގިނަމަވެސް މިހާރު 2500 ރުފިޔާ ނަގައެވެ. އަދި ކުރިން ސައިކަލް ފީއަކަށް މަހެއްގެ މައްޗަށް 200 ރުފިޔާ ނަގާއިރު މިހާރު 500 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

ކާރާއި ސައިކަލުން މަހަކަށް ނަގާ ފީ ބޮޑު ކުރި ނަމަވެސް ވަގުތީ ގޮތުން ޕާކު ކުރާ އުޅަނދުތަކަށް ގަޑިއިރަކަށް ނަގާ ފަސް ރުފިޔާއަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ވަގުތީ ގޮތުން ޕާކް ކުރެވޭނީ ގިނަވެގެން ތިން ގަޑި އިރަށެވެ.