އިންޑިއާގެ ވިސާ އުސޫލާ ހިލާފަށް އެގައުމުގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތިރުވަނަންތަޕޫރަމްއަށް ހަތް މީހަކު ގެންދިއުމާ ގުޅިގެން އިންޑިއާ ސަރުކާރުން މޯލްޑިވިއަން ޖޫރިމަނާކޮށްފައި ވަނީ ރަނގަޅަށް ކަމަށް އެ ސްޓޭޓްގެ ހައިކޯޓުން ނިންމައިފި އެވެ.

ވިސާ ގަވައިދާ ހިލާފަށް އެކި ފަހަރު މަތިން ހަތް މީހަކު ގެންދިއަ މައްސަލާގައި އިންޑިއާ ސަރުކާރުން ވަނީ ޖުމްލަ 700000 ރުޕީސް އިން މޯލްޑިވިއަން ޖޫރިމަނާކޮށްފައި ކަމަށާއި އެ މައްސަލަ ކެރެލާ ހައިކޯޓަށް ހުށަހެޅީ މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ލިމިޓެޑުން ކަމަށް ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުންޏެވެ.

އިންޑިއާ ސަރުކާރުން މޯލްޑިވިއަން ޖޫރިމަނާކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޮޗިންގައި ހުންނަ ކެރެލާ ހައިކޯޓުން ނިންމި ނަމަވެސް އެކޯޓުން ވަނީ ޖޫރިމަނާ ކުރި އަދަދަށް ބަދަލުގެންނަން ސަރުކާރަށް އަންގައިފަ އެވެ. އެގޮތުން މޯލްޑިވިއަން އިން ތިރުވަނަންތަ ޕޫރަޕް އަށް ދެ ފަހަރެއްގެ މަތިން ގެންދިޔަ ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކަށް އެއް ލައްކަ ރުފިޔާގެ މަގުން ކޮށްފައިވާ ޖޫރިމަނާގައި ހިމެނޭ އެއް ހަތަރު މީހުންނަށް މީހަކަށް 30000 ގެ މަގުން ޖޫރިމަނާ ކުޑަކުރުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. އެގޮތުން އެ ހަތަރު މީހުންގެ މައްސަލައިގައި ކޮށްފައިވާ 400000 ގެ ޖޫރިމަނާ 120000 ރުޕީސްއަށް ވަނީ ކުޑަކޮށްފަ އެވެ.