05 Jan 2016, 11:00
ޔޫބީއައި ސޮފްޓްގެ އެންމެ މަގުބޫލު "އެސާސިންސް ކްރީޑް" ގޭމް ފްރެންޗައިޒްގެ ދެން ނެރެން އިން ބައި ކަމަށްވާ "އެސާސިންސް ކްރީޑް: އެމްޕަޔާ" އަންނަ އަހަރު ރިލީޒު ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
މީގެ އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު އެސާސިންސް ކްރީޑް ގޭމް ސީރީޒް ދަނީ ނެރެމުންނެވެ. ނަމަވެސް މިއަހަރު އެ ސީރީޒް ނުނެރޭނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ އަހަރުގެ ގޭމްގެ ކެރެކްޓަރު ފެންނާނީ މިސްރުން ކަމަށެވެ. ނަމަވެސް އެ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ކަމެއް ޔަގީނެއް ނޫނެވެ.
އެސާސިންސް ކްރީޑް އެއް އަހަރުގެ ބްރޭކެއް ނެގުމަށް ނިންމާފައި ވަނީ 2014 އަހަރު އެ ކުންފުނިން ނެރުނު "އެސާސިންސް ކްރީޑް: ޔުނިޓީ" އާ ގުޅިގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ޔުނިޓީއަކީ ޔޫބީއައި ސޮފްޓުން އެ ގޭމު އެކްސްބޮކްސް އަށާއި ޕީއެސް4 އަކަށް ހާއްސަކޮށްގެން ނެރުނު ފުރަތަމަ ފަހަރެވެ. އަދި ގޭމު ނެރުނު އިރު އޭގައި މައްސަލަތަކެއް ހުރުމުގެ ޝަކުވާ ވަނީ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ނެރުނު "އެސާސިންސް ކްރީޑް: ސިންޑިކޭޓް" އަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެހެން ކަމުން ސީރީޒް އެއް އަހަރުގެ ބްރޭކެއް ނެގުމަށް ނިންމީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެސާސިންސް ކްރީޑް ސީރީޒްގެ އާ ގޭމެއް މިއަހަރު ނެރެން ނެތް ކަމުގައި ވިނަމަވެސް އެ ސީރީޒް އާ ގުޅުން ހުރި އުފެއްދުންތަކެއް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ ސީރީޒްގެ ފުރަތަމަ ފިލްމް ވަނީ މިއަހަރު ނެރުމަށް ހަމަޖެހިފައެވެ. މައިކަލް ފޯސްބެންޑާ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު، ޑިސެމްބަރު މަހުގެ 21 ރިލީޒް ކުރާނެ އެވެ.