05 Jan 2016, 10:42
ދިމިޝްގު (ޖެނުއަރީ 5): ބޭނުން ކުރުން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރެއް ކަމަށްވާ ސެރިން ގޭސް ނުވަތަ ސެރިން ބާވަތުގެ ގޭހެއްގެ އަސަރު ސޫރިޔާގެ ރައްޔިތުންނަށް ކޮށްފައިވާ ކަމަށް ޔޫއެންގެ އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް [އޯޕީސީޑަބްލިއު] އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
އޯޕީސީޑަބްލިއު އިން ކޮންމެ މަހަކު ނެރޭ ރިޕޯޓުތަކުގެ ތެރެއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުން އެ ޖަމްއިއްޔާ އިން ދަނީ ކެމިކަލް ހަތިޔާރު ބޭނުން ކުރި ކަމަށް ސީރިޔާގެ ސަރުކާރުން ބުނި 11 ހާދިސާއެއް ތަހުގީގު ކުރަމުންނެވެ. އެ 11 ހާދިސާ ހިނގީ ސޫރިޔާގެ ކޮން ސަރަހައްދުތަކެއްގައި ކަން ޔޫއެންގެ ރިޕޯޓުގައި ފާހަގަކޮށްފައި ނުވެ އެވެ.
"ބައެއް މީހުންގެ ލޭގެ ސާމްޕަލްތަކުން ދެއްކި ކޮންމެވެސް އިރެއްގައި އެމީހުންނަށް ސެރިން ނުވަތަ ސެރިން ފަދަ ގޭހެއްގެ އަސަރު ކޮށްފައިވާ ކަން. އެމީހުންނަށް ގޭހުގެ އަސަރު ކުރީ ކޮންއިރަކު، ކޮން ހާލަތެއްގައި ކަން ހޯދުމަށް އިތުރަށް ތަހުގީގު ކުރަން ޖެހޭ،" ރިޕޯޓުގައިވެ އެވެ.
އޯޕީސީޑަބްލިއު އިން މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ އެފަދަ މިޝަންތަކުން ސޫރިޔާގައި ކްލޮރިންއާއި މަސްޓަޑް ގޭސް ބޭނުން ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވެ އެވެ.
އޮގަސްޓް 2013އިގައި ދިމިޝްގު ކައިރިއަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވާގިވެރިވާ ފަރާތްތަކުން ސެރިން ހަމަލާއެއް ދިން ކަން ސާބިތުވުމުން، އަސަދުގެ ސަރުކާރުން ވަނީ އެމީހުންގެ އަތުގައި ހުރި ކެމިކަލް ހަތިޔާރު ބޭނުން ނުކުރުމަށް އެއްބަސްވެފަ އެވެ.
ޔޫއެންގެ ރިޕޯޓުގައިވާ ގޮތުން ސޫރިޔާގެ 99.6 ޕަސެންޓް ކެމިކަލް ހަތިޔާރު މިހާރު ވަނީ ނައްތާލައިފަ އެވެ.
ސޫރިޔާގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި ސަރުކާރާ ދެކޮޅު ފަރާތްތަކުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 250،000ށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
(އޭއެފްޕީ)