ޓެލްއަވީވް (ޖަނަވަރީ 5) : ދުނިޔޭގެ ކަންކޮޅުތަކުން އިސްރާއީލަށް ހިޖްރަކުރި ޔަހޫދީންގެ އަދަދު މިދިޔަ އަހަރު އިތުރުވެއްޖެއެވެ.

ޔަހޫދީންގެ ހިޖްރައާބެހޭ މުސްތަގިއްލު އެޖެންސީއަކުން ބުނި ގޮތުގައި 2014 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު އިސްރާއީލަށް ހިޖްރަކުރި ޔަހޫދީންގެ ނިސްބަތްވަނީ 10 އިންސައްތައަށް މައްޗަށް ގޮސްފައެވެ. ފާއިތުވި އަހަރު އެންމެ ގިނަ އަދަދަކަށް އިސްރާއީލަށް ހިޖްރަކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ ޔަހޫދީންނެވެ. އެއަށްފަހު ޔުކްރޭނާއި ރަޝިޔާގެ ޔަހޫދީންނެވެ.

އިސްރާއީލު ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި އެ ގައުމަށް ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް ހިޖްރަ ކުރުވުމާއި އިސްރާއީލަށް ހިޖްރަ ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ޔަހޫދީންނަށް ބާރު އަޅައި އެކަމަށް ހިއްވަރުދީ މަގުފަހިކޮށްދިނުން ހިމެނެއެވެ. ފަރަންސޭސިވިލާތުން ޔަހޫދީންގެ ގިނަބަޔަކު އިސްރާއީލަށް ހިޖްރަކުރީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރަހަމުންދިޔަ މަޖައްލާއެއްކަމަށްވާ ޗާލީ އެބްޑޫ ނޫހަށް ހަތިޔާރުއެޅި ބަޔަކު މިދިޔައަހަރު ދިން ޙަމަލާއަށްފަހުގައި ކަމަށް ޔަހޫދީންގެ ހިޖްރައާބެހޭ އެޖެންސީން ބުނެއެވެ.

މިހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އައިއެސް ޖަމާއަތުންނެވެ. މިއީ ފަރަންސޭސި ޔަހޫދީންނަށް އެމީހުންގެ ގައުމުގައި އަމާންކަން ނެތް ކަން އިހްސާސްކުރުވި ހަމަލާއެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޗާލީ އެބްޑޫ ނޫހަށް ދިން ހަމަލާތަކުގައި މަރުވެފައިވަނީ ޔަހޫދީންނެއް ނޫނެވެ.

ޔުކްރޭނުން އިސްރާއީލަށް ހިޖްރަކުރި ޔަހޫދީން ހިޖްރަކުރީ އިގްތިސާ ސަބަބުތަކާ ގުޅިގެން ކަމަށް ޔަހޫދީ އެޖެންސީގެ ވެރިއެއްކަމަށްވާ އިގާލް ބަލްމޯ ވިދާޅުވި އެވެ. އިސްރާއީލަށް ހިޖްރަކުރާ ޔަހޫދީންގެ ގިނަ ބަޔަކު ވަޒަންވެރި ކުރުވަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގަ އެވެ. މިކަމުގައި އިސްރާއީލުގެ ބޭނުމަކީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ތިބި ކަމަށްބުނެ އެބިންތަކުން ނުފައިބާވެނެގޮތެއް ހޯދުމެވެ. މިގޮތުން އިސްރާއީލުން ފާއިތުވި 40 އަހަރު ތެރޭގައިވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި 1.2 މިލިޔަން ޔަހޫދީން ވަޒަންވެރި ކުރުވާފައެވެ. މިގޮތަށް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވާ ޔަހޫދީ ވަޒަންވެރިންނަކީ ވަރަށް ހަރުކަށި ބައެކެވެ. އެމީހުން ގެންދަނީ ފަލަސްތީނުގެ ބިންތަކަކީ ޔަހޫދީންގެ ތާރީޚީ ބިންތަކެއްކަމަށް ބުނެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގަމުންނެވެ.

މިފަދަ ހަރުކަށި އަމަލުތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ބަޑިން ހަމަލާދިނުމާއި ކުޑަކުދިންނަށް ބިރު ދެއްކުމާއި ފަލަސްތީނުގެ ދަނޑުތައް ހަލާކުކޮށް ސުންނާފަތިކުރުމާއި ފަލަސްތީނު ރައްޔިތުންގެ ގެދޮރާއި މުދަލުގައި ހުޅުޖެހުންފަދަ ޓެރަރިޒަމްގެ އަމަލުތައް ހިމެނެއެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ދައުލަތަށް ދެމިއޮވެވޭނީ ދުނިޔޭގެ ކަންކޮޅުތަކުން ފަލަސްތީނުގެ ބިމަށް ޔަހޫދީން ހިޖްރަކުރުވައިގެން ޔަހޫދީންގެ އަދަދު އިތުރުކޮށްގެން ކަމަށް އިސްރާއީލުންނާއި ހުޅަނގުގެ ގައުމުތަކުގައި ހަރަކާތްތެރިވާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން ދެކެއެވެ.

އިސްރާއީލަށް ހިޖްރަކުރާ ކޮންމެ ޔަހޫދީއަކީ ފަލަސްތީނުގެ ބިންކޮޅެއް ހިފައި ފަލަސްތީނުގެ ހައްގުތަކެއް ނިގުޅައިގަންނަ މީހެކެވެ. (އަލްޖަޒީރާ)