05 Jan 2016, 09:40
ރިއާލް މެޑްރިޑްގެ ކޯޗުކަމުން ރަފައެލް ބެނީޓޭޒް ވަކިކޮށް، ޒައިނުއްދީން ޒިދާން އެ ޓީމުގެ އާ ކޯޗަކަށް ހަމަޖައްސައިފި އެވެ.
ބެނިޓޭޒް ރެއާލްގެ ކޯޗުކުމުން ވަކިކޮށްފައި މި ވަނީ އިއްޔެ ބޭއްވި އެކުލަބުގެ ބޯޑް މީޓިން އަކަށް ފަހުއެވެ. އަދި އެ ބައްދަލުވުމަށް ފަހު ސެންޓިއާގޯ ބާނަބިއު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުމެއްގައި އެ ކުލަބުގެ ރައީސް ޕްލޮރެންޓީނޯ ޕެރޭޒް ވަނީ އެ ކުލަބުގެ ކޯޗުކަމުން ބެނިޓޭޒް ވަކިކޮށްފައިވާ ކަމަށާއި މި ސީޒަނުގެ ނިޔަލަށް އެ ޓީމުގެ ކޯޗަކަށް ޒިދާން ހަމަޖައްސާފައިވާ ކަން އިއުލާން ކޮށްފައެވެ.
އެ ބައްދަލުވުމުގައި ޕެރޭޒް ބުނީ ރެއާލްގެ ކޯޗުކަމުން ބެނިޓޭޒް ވަކިކުރުމަކީ އެ ކަލަބުން ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި އާ ކޯޗަކަށް އައްޔަނު ކުރި ޒިދާނަކީ އެ ޓީމުގެ ކުޅުންތެރިން އެންމެ ރަނގަޅަށް އެނގޭނެ އެކަކު ކަމަށެވެ.
"ޒިދާން އަކީ އޭނާގެ މުޅި ހަޔާތް ފުޓްބޯޅައިގެ ތެރޭގައި ހޭދަކޮށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާ އެ ގޮންޖެހުން ތަކުން ވަރަށް ރަނގަޅަށް އަރައިގަންނަށް އިނގޭ މީހެއް. އޭނާގެ ހަޔާތައް ބަލައިލީމަ ވެސް އެކަން ފެނިގެންދޭ،" ޕެރޭޒް ބުންޏެވެ.
އޭނާ ބުނީ ރެއާލްގެ މުޅި މެނޭޖްމެންޓާއި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން ވެސް ތިބީ ޒިދާންގެ ފަހަތުގައި ކަމަށާއި އޭނާ އަށް މި ކުލަބަށް ރަނގަޅު ކާމިޔާބެއް ހޯދައިދެވޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.
ރިއާލްގެ ކުރީގެ ކުޅުންތެރިޔާ ޒިދާން، މިހާތަނަށް ކޯޗުކަން ކޮށްދެމުން އައީ ރިއާލް މެޑްރިޑް "ބީ" ޓީމަށެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ޒިދާން އަކީ ފްރާންސްގެ ކުރީގެ ކެޕްޓަން އެވެ. އެ ގައުމަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި ބޮޑު ހިއްސާ އެއް އޭނާ އަދާކޮށްފައިވާ އިރު 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސް އިން ކާމިޔާބު ކުރިއިރު ވެސް އޭނާގެ ހިއްސާ އެހާމެ ބޮޑެވެ.