މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހާއްސަ އޮޑިޓް އަންނަ ހަފްތާގެ ތެރޭގައި ނެރޭނެ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން "ސަން"އަށް މިއަދު ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތަކީ އެމްއެމްޕީއާރްސީގެ އޮޑިޓްގެ ޑުރާފްޓް މަސައްކަތް ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެ އޮޑިޓް ނެރެވިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ލަސްވެގެން އަންނަ ހަފްތާގެ ތެރޭގައި ފައިނަލް ކޮށްލާނަން، އިރާދަ ކުރެއްވިއްޔާ އަންނަ ހަފްތާގެ ތެރޭގައި ނުކުމެގެންދާނެ،" އައިމަން ވިދާޅުވި އެވެ.

އައިމަން ވިދާޅުވި އެ އޮޑިޓްގައި ރަށްތަކާއި ގުޅޭ މައްސަލަތަކާއި އެމްއެމްޕީއާރުސީ ހިންގެވުމުގައި ފާހަގަވެފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާނެ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ ހިންގުމުގައި ހުރި މައްސަލަތަކާއި ގަވަނަންސް އާއި އެކައުންޓްބިލިޓީ އާއި އިންޓާނަލް ކޮންޓުރޯލްސް އާއި އެހެންގޮސް ފައިސާގަ ހުރި މައްސަލަތަކާއި އެހެންގޮސް ހުރިހާ އޭރިއާތަކަށް އަޅުގަނޑުމެން ހުންނާނެ ރިޕޯޓްގައި ތަފްސީލްކޮށް ބަލާލާފައި،" އައިމަން ވިދާޅުވިއެވެ.

ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އެމްއެމްޕީއާރްސީ ހިންގާފައިވާ ގޮތުގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހަށް އަންގައިފަ އެވެ. އޮޑިޓާ ޖެނެރަލްއަކަށް ހުންނަވަނީ އެ މުއްދަތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ ބޭބެ ހަސަން ޒިޔަތު އެވެ.

އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރުސީގެ އެ ހާއްސަ އޮޑިޓް ތައްޔާރު ކުރުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ އޮޑިޓް ތައްޔާރުކުރާނީ އެސިސްޓެޓް އޮޑިޓާ ޖެނެރަލް އައިމަން އިބްރާހިމްގެ ބެލުމުގެ ދަށުން ކަމަށެވެ.

އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިރު އެކުންފުންޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ.