އީރާނުގައި ހުންނަ ސައުދީ އަރަބިއްޔާގެ ސަފީރުގެ އޮފީހަށް ބަޔަކު ވަދެ އެތަނަށް ހަމަލާ ދިން މައްސަލަ ކުށްވެރިކުރުމުގެ ގޮތުން، އަރަބި ތިން ގައުމު ކަމުގައިވާ އެކުވެރި އަރަބި އިމަރާތާއި، ބަހްރައިން އަދި ސޫދާނުން އީރާނާ އެކު ބާއްވަމުން އައި ޚާރިޖީ ގުޅުން ހަނިކުރަން ނިންމައިފި އެވެ.

އީރާނުން ސައުދީ އެމްބަސީއަށް ހަމަލާ ދިނީ، ޝީއައީ އިލްމުވެރިއެއް ކަމުގައިވާ ޝައިޚް ނިމްރު އަލް ނިމްރުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، ސައުދީގައި އޭނާގެ މައްޗަށް މަރުގެ އަދަބު ދިނުމުންނެވެ. އީރާނަކީ ޝީޢީ މުސްލިމު ގައުމެކެވެ. ސައުދީ އެމްބަސީއަށް ދިން ހަމަލާއާ ގުޅިގެން ސައުދީން ވަނީ އީރާނާ އެކު ބާއްވަމުން އައި ޚާރިޖީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލައިފަ އެވެ. އަދި ސައުދީގައި ހުރި އީރާނުގެ ޑިޕްލޮމެޓުން އެ ގައުމުން ބޭރުވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައިވާ އިރު، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވައިގެ ދަތުރުފަތުރުތައް ވެސް މެދުކަނޑާލުމަށް ސައުދީން ވަނީ ނިންމައިފަ އެވެ.

ސުންނީ ރަސްކަމެއް އޮންނަ، އަދި ގިނަ އަދަދެއްގެ ޝީއައީ މުސްލިމުން ދިރިއުޅޭ ބަހްރައިނުގެ ސަރުކާރުން ހޯމަ ދުވަހު ވަނީ އެ ގައުމުގައި ތިބި އީރާނުގެ ޑިޕްލޮމެޓުން އެ ގައުމުން ބޭރުވުމަށް 48 ގަޑިއިރު ދީފަ އެވެ. އެ ގައުމުން ވަނީ، އީރާނުން މެދު އިރުމަތީގެ އަރަބި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަމުން އަންނަ ކަމުގެ ތުހުމަތު ކޮށްފަ އެވެ.

އެކުވެރި އަރަބި އިމަރާތުން ނިންމާފައި ވަނީ، އީރާނުގައި ހުންނަ، އިމަރާތުގެ ސަފީރު އަނބުރައި ގައުމަށް ގެނެސް، އީރާނާ އެކު ބަޢްވާ ޚާރިޖީ ގުޅުން ކުޑަކުރުމަށެވެ. އެހެން ނަމަވެސް ވިޔަފާރީގެ ގުޅުން ބާއްވަން އިމަރާތުން ވަނީ ނިންމައިފަ އެވެ.

ސޫދާނުގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީއާއި، އީރާނުގެ މަޝްހަދުގައި ހުންނަ ސައުދީ ކޮންސޫލޭޓަށް ބަޔަކު ދިން ހަމަލާގެ ހާދިސާއާ ގުޅިގެން، އީރާނާ އެކު ސޫދާނުން ބާއްވަމުން އައި ހުރިހާ ގުޅުމެއް ކަނޑާލަން ނިންމާފައިވާ ކަމަށެވެ.