(31 ޑިސެމްބަރުގެ އަދަދާ ގުޅޭ)

على رضى اللّـه عنــهމައްސަލައާމެދު އަލިއެޅުއްވީ، އެހެން ކުންނަކުންނެވެ. އެކަލޭގެފާނު ވިސްނައިވަޑައިގަތީ، ކައުސާހިބާގެ ހިތްޕުޅަށް ކޮށްފައިވާ އަސަރު ކުޑަކޮށްދެއްވުމަށާއި، މައްސަލައާމެދު ޤާނޫނީ ޖަވާބެއް ދެއްވުމަށެވެ. އެކަލޭގެފާނާއި އިތުރު ސާހިބާއާ ދެމެދުގައި އޮތް ޚާއްޞަ ގުޅުމަށް ވިސްނައިވަޑައިގެން އިތުރު ސާހިބާގެ ފިކުރުފުޅުތައް ދުރުކޮށްދެއްވުމަށެވެ.علىގެފާނު ވިދާޅުވިއެވެ. އޭ މާތްاللّـهގެ ރަސޫލާއެވެ! އަންހެނުންތައް އެބަތިއްބެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެހެން ކާވެނިފުޅެއް ކުރެއްވިދާނެއެވެ. މައްސަލަ ތަޙްޤީޤު ކުރައްވަން ބޭނުންފުޅު ކަމުގައިވާނަމަ، އެކަމަނާގެ ޚާދިމާ ގެންނަވައި ތަޙްޤީޤު ކުރައްވާށެވެ."

ކައުސާހިބާصلّى اللّـه عليه وسلّمعلىގެފާނު އެރުއްވި މަޝްވަރާގެ ދެވަނަބަޔަށް ޢަމަލުކުރެއްވިއެވެ.أمّ المؤمنينގެ ޚާދިމާبريرة رضى اللّـه عنــهاގެންނަވައި ސުވާލު ކުރެއްވިއެވެ. ޚާދިމާ ޖަވާބު އެރުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ހެޔޮކަމެއް މެނުވީ އަޅުގަނޑަކަށް ފެނިފައެއް ނުވެއެވެ."

އިސްލާމީ ތަޙްރީކުގެ ޤާއިދު ދެން އެޅުއްވި ފިޔަވަޅަކީ، ޞަޙާބީންގެ ޢާއްމު މަޖިލީހެއް އެއްކުރައްވައި ވާހަކަފުޅު ދެއްކެވުމެވެ. މިންބަރުކޮޅަށް އަރައިވަޑައިގެން މާތްاللّـهއަށް ޙަމްދާއި ޘަނާ ވިދާޅުވުމަށްފަހު، ނުހަނު އަސަރާއެކު ވިދާޅުވިއެވެ.

"އަހަރެންގެ އަހްލުންނާ ބެހޭގޮތުން އަހުރެންނަށް ހިތާމައާއި މޮޅިވެރިކަން ކުރިމަތިކުރުވާ މީހުންގެ މަޤްޞަދަކީ ކޮބައިބާވައެވެ؟ އެކަމަނާއާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރަނީ ކީއްވެގެން ބާވައެވެ؟ މާތްاللّـهގަންދެއްވައި ވިދާޅުވަމެވެ. އެކަމަނާއާމެދު ހެޔޮކަމެއް މެނުވީ އަހުރެންނަކަށް އެނގިފައެއް ނެތެވެ. އެމީހަކާ ގުޅުވައިގެން މިވާހަކަ ދެކެވޭ ފަރާތުންވެސް، ހެޔޮކަމެއް ފިޔަވައި އަހަންނަކަށް އެނގިފައެއް ނެތެވެ. އޭނާ އަހުރެން ގޭގައި ނެތިސް އަހުރެންގެ ގޭތެރޭގައި ފިޔަވަޅެއްވެސް އަޅައިފައެއް ނުވެއެވެ."

އެހެން ރިވާޔަތެއްގައިވާގޮތުން، ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ވާހަކަފުޅު ފެއްޓެވީ، އަންނަނިވި ޢިބާރާތުންނެވެ.

"އަހުރެންގެ އަހްލުންނާ ބެހޭގޮތުން، އަހުރެން ހިތްދަތިކުރުވާ މީހާގެ ކިބައިން އަހުރެން ސަލާމަތް ކޮށްދޭނެ މީހަކު އެބަހުރިހެއްޔެވެ؟"

އެބަސްފުޅު އިވިވަޑައިގަތުމުން، އައުސުވަންހައިގެ ރައީސުންކުރެأسيد بن حضير رضى اللّـه عنــه(ބަޔެއް ރިވާޔަތްތަކުގައިވާގޮތުންسعد بن معاذ رضى اللّـه عنــه) ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! ތިޔަފަދަ މީހަކު އަޅުގަނޑުމެންގެ ޤަބީލާގައި ހުރިނަމަ، އަޅުގަނޑުމެން އެމީހަކުގެ ކަންތައް ނިންމައިލައިފީމުހެވެ. އެމީހަކީ އަޅުގަނޑުމެންގެ ޚަޒްރަޖީ އަޚުންގެ ތެރެއިންވާ މީހެއްނަމަ، އަޅުގަނޑުމެންނަށް އަމުރު ކުރައްވާށެވެ. މާތްاللّـهގަންދެމެވެ. އަޅުގަނޑުމެން އެމީހެއްގެ ބޯ އުދުއްސައިލާނަމެވެ. އެފަދަ މީހުންނަކީ އެގޮތަށް ޢަމަލުކުރުން ޙައްޤު ބަޔެކެވެ."

ޚަޒްރަޖުވަންހައިގެ ރައީސްسعد بن معاذ رضى اللّـه عنــهއެކަލޭގެފާނާމެދު އުންމީދު ކުރެވޭގޮތާ ޚިލާފަށް ތެދުވެވަޑައިގެން ކޯފާއިސްކުރައްވައިأسيدއަށް ޖަވާބު ދެއްވިއެވެ. އެމީހާ (عبد اللّـه بن أبىّ بن سلول) ޤަތުލު ކުރެވުނަ ނުދެއްވާނެކަމުގައި ވިދާޅުވިއެވެ. އެހެން ވާންޖެހުނީ، އައުސުވަންހައާއި ޚަޒްރަޖުވަންހައާ ދެމެދު ފިތުނައިގެ އަލިފާން ރޯކުރަން އިސްލާމްދީނުގެ ޢަދުއްވުން ހުއްޓުމެއްނެތި ކުރަމުންގެންދިޔަ މަސައްކަތުގެ ސަބަބުންނެވެ. އެކަމާހުރެ ވަރަށް އާދައިގެ ކުދިކުދި ކަންކަމާހުރެވެސް، ދެފަރާތުގެ ދެމެދުން އާވިއަރަން ފަށަނީއެވެ. އައުސުވަންހައާއި ޚަޒްރަޖުވަންހައާ ދެމެދު، ބަހުގެ ޙަމަލަތައް ބަދަލުކުރެވި، އަތްއިސްކުރާ ހިސާބަށް ދާންފެށުމުން، މުސްލިމުންގެ ޤާއިދަށް އެކަން ޤަބޫލުފުޅެއް ނުކުރެއްވުނެވެ. އަހަރުތަކެއްގެ ބުރަ މަސައްކަތްޕުޅުން އެ ދެވަންހައިގެ ދެމެދުގައި އެ މާތް ސާހިބާ ޖެއްސެވި އެކުވެރިކަމުގެ ގޮށް މޮހެވޭކަށެއް ރުހިވަޑައެއް ނުގެންނެވުނެވެ. ޚާއްޞަކޮށް އެމާތް ސާހިބާގެ ޒާތުފުޅާ ގުޅޭ މައްސަލައެއްގައެވެ. އިތުރު ސާހިބާ މިންބަރުކޮޅުން ފައިބައިވަޑައިގެން ދެފަރާތުގެ މީހުން ފިނިކުރައްވައި މައްސަލަ ހަމަޖެއްސެވިއެވެ. އެހިސާބުން އެ ބައްދަލުވުން ނިންމަވައިލެއްވިއެވެ. އިސްލާމީ މުޖްތަމަޢުން މި ފެނިވަޑައިގެންނެވި ބަލިކަށިކަމުގެ ސަބަބުން، ކައުސާހިބާގެ ފިކުރުފުޅު ވަކީން ބޮޑުވިއެވެ. މިއީ މުރައިސީޢުގެ ފެންގަނޑުގެ ކައިރީގައިعبد اللّـه بن أبىّފަތުރައިލި ބަޑިބޭސް ފަލީތާ ރޯވެ އަނދަންފެށުމެވެ.

އިފުކުގެ ހިތާމަވެރި މައްސަލަ، އުފާވެރި ކަމަކަށް ބަދަލުވެގެން ދިޔަގޮތުގެ ވާހަކަވެސް އަޅުގަނޑު މި ބަޔާންކުރަނީ ޙާދިޘާގެ ނާރެހެއްކަމުގައިވާأمّ المؤمنين السّيّدة عائشة الصّدّيقة رضى اللّـه عنــهاއެވާހަކަ ބަޔާންކޮށްދެއްވައިފައިވާ ގޮތަށެވެ. މަޞްދަރަކީ ތަފްހީމުލްޤުރްއާނެވެ.

"އެ ބުހުތާންދޮގު ވާހަކަ ގާތްގަނޑަކަށް މަހެއްހައި ދުވަސްވަންދެން ރަށުތެރޭގައި ފެތުރެމުން ދިޔައެވެ. މާތް ނަބިއްޔާصلّى اللّـه عليه وسلّمގެ ހިތްޕުޅަށް ނުހަނު ދަތިވިއެވެ. އަހަރެންގެ ކަމަކީ ރުއިމެވެ. އަހަރެންގެ މައިންބަފައިން ތިބީ އިންތިހާ ދަރަޖަޔަށް ކަންބޮޑުވެފައެވެ. ހިތާމައާއި މޮޅިވެރިކަމުގައި ހައްޔަރުވެފައެވެ. އެންމެފަހުން ކައުސާހިބާصلّى اللّـه عليه وسلّمއެއްދުވަހަކު ވަޑައިގެން އަހަރެންގެ މަގަތުން އިށީނދެވަޑައިގެންފިއެވެ. މުޅި އެ މުއްދަތުގެ ތެރޭގައިވެސް އެކަލޭގެފާނު އަހަރެންގެ ގާތަކު އިށީނދެވަޑައެއް ނުގަންނަވައެވެ. އަހަރެންގެ ބައްޕާފުޅާއި މަންމާފުޅަށްވެސް މައްސަލަ ކޮންމެވެސް ކޮޅެއްގައި ޖެހެން އުޅެނީކަމަށް ހީފުޅުވެގެން، އެތަނަށް ވަޑައިގެން އަހަރެމެންގެ ގާތުގައި އިށީނދެވަޑައިގެންފިއެވެ.

އިތުރު ސާހިބާصلّى اللّـه عليه وسلّمއަހަންނާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ. "އޭعائشةއެވެ! ކަމަނާއާ ބެހޭގޮތުން މިވެނި ޚަބަރެއް ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފިއެވެ. ކަމަނާގެ ކުށެއް ނެތްކަމުގައިވާނަމަ، މާތްاللّـهކަމަނާ ބަރީއަ ކުރައްވާނެކަމަށް އުންމީދު ކުރައްވަމެވެ. ކަމަނާއަށް ކުށެއް ކުރެއްވިފައިވާނަމަ،اللّـهއަށް ތައުބާވެވަޑައިގަންނަވާށެވެ. އެކަލާނގެ ޙަޟްރަތުން ޢަފޫކުރެއްވުން އެދިވަޑައިގަންނަވާށެވެ. އަޅާ އޭނާގެ ފާފަޔަށް އިޢުތިރާފުވެ، ތައުބާވުމުން އެކަލާނގެ ޢަފޫކޮށްދެއްވާނެއެވެ." އެވާހަކަފުޅު އިވުމުން އަހަރެންގެ ލޮލުގައިހުރި ކަރުނަ ހިކިއްޖެއެވެ. ތެދުވެ އިށީނދެ، އަހަރެންގެ ބައްޕަގެ އަރިހު ދެންނެވީމެވެ. މާތްاللّـهގެ ރަސޫލާއަށް ޖަވާބު ދެއްވާށެވެ! ބައްޕަ ވިދާޅުވިއެވެ. ދަރިފުޅާއެވެ! ދަންނަވާނެ އެއްޗެއް ބައްޕަގެ ވިސްނުމަކަށް ނާދެއެވެ. އަހަރެން މަންމަގެ އަރިހުގައި ދެންނެވީމެވެ. އަޅުގަނޑު ބުއީ މަންމަގެ ކިރުފޮދެވެ. ބޮޑުވެ ތަރުބިޔަތުވީ މަންމަގެ އުނގުފުޅުގައެވެ. ކުޅެއުޅުނީ މަންމަގެ ގޯތިތެރޭގައި، މަންމަގެ ކުރިފުޅުމަތީގައެވެ. ކޮންމެވެސް އެއްޗެކޭ ވިދާޅުވާށެވެ! މަންމަ ވިދާޅުވިއެވެ. ދަރިފުޅާއެވެ! ދަންނަވާނެ އެއްޗެއް މަންމަޔަކަށް ނޭނގެއެވެ. މަންމަ މިއިނީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

އަހަރެން ވާހަކަދައްކަން ފަށައިފީމެވެ. ތިޔަބޭފުޅުންގެ ކަންފަތްޕުޅާ ހަމަޔަށް ވާހަކައެއް އައީއެވެ. އެވާހަކަ ހިތްޕުޅުގައި ހަރުލީއެވެ. އަޅުގަނޑަކީ ކުށެއްނެތް މީހެކޭ ދެންނެވިޔަސް، ތިޔަބޭފުޅުން ޤަބޫލުފުޅެއް ނުކުރައްވާނޫއެވެ. ޙަޤީޤަތުގައިވެސް އަޅުގަނޑަކީ ކުށެއްނެތް މީހެއްކަމަށް މާތްاللّـهހެކިވެވޮޑިގެންވެއެވެ. އަޅުގަނޑު ނުކުރާ ކަމަކަށް އިޢުތިރާފުވެއްޖެނަމަ، ތިޔައީ އަޅުގަނޑު ނުކުރާ ކަމެއްކަން، އެކަލާނގެ ދެނެވޮޑިގެންވެއެވެ. ތިޔަބޭފުޅުން ޤަބޫލުކުރައްވާނޫއެވެ. އެވަގުތުيعقوب عليه السّلامގެ ނަންފުޅު ހަނދާންކުރަން އަހަރެން އުޅުނީމެވެ. ނަމަވެސް ހަނދާނަކަށް ނައެވެ. އަހަރެން އެންމެފަހުން ދަންނަވައިފީމެވެ. މިފަދަ ޙާލަތެއްގައި އަޅުގަނޑަށް ދެންނެވޭންއޮތީ،يوسف عليه السّلامގެ ބައްޕާފުޅު، އެކަލޭގެފާނުގެ ދަރިކަލުންبنيـاميـنގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އެޅުވުނުހިނދު، ވިދާޅުވި ފަދައިންނެވެ. ދެންއޮތީ "ރިވެތިވެގެންވާ ކެތްކުރުމެކެވެ."

މިހެން ބުނެފައި އަހަރެން އޮށޯވެ ބިތްދޮށަށް އެނބުރިއްޖައީމެވެ. އޭރު އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ކުށެއްނެތްކަންاللّـهދެނެވޮޑިގެންވެއެވެ. އެކަލާނގެ ޙަޤީޤަތް ހާމަކޮށްދެއްވާނެއެވެ. އެކަމަކު އަހަންނާ ބެހޭގޮތުން އެކަލާނގެ ވަޙީ ބާވައިލައްވައި، އެ ބަސްފުޅުތައް ޤިޔާމަތާ ހަމަޔަށް ކިޔެވެމުން ދާނެއެކޭ އަހަރެންގެ ހިތަކަށް ނާރައެވެ. ޚިޔާލަކަށްވެސް ނުގެނެވެއެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި، އަރަހުށި މާތްاللّـه سبحانه وتعالىއަހަރެންގެ ފަރާތުން ބަސް ވަޙީކުރައްވާ ވަރަށްވުރެ، އަހަރެން މާނިކަމެއްޗެވެ. އަހަރެން އުންމީދުކޮށްގެންހުރީ، މާތްاللّـه سبحانه وتعالىއިތުރު ސާހިބާއަށް ހުވަފެންފުޅެއް ދައްކަވައި، އަހަރެންގެ ކުށެއް ނެތްކަން ބަޔާންކޮށްދެއްވާނެކަމަށެވެ.

މާގިނައިރެއް ނުވެއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަށް ވަޙީ ލިބިވަޑައިގަންނަވާއިރު، އެކަލޭގެފާނުގެ ފަރާތްޕުޅުން ހާމަވާ ގޮތްކޮޅު ފެންނާން ފަށައިފިއެވެ. އެ ޙާލަތުގައި އެންމެ ފިނި މޫސުމުގައިވެސް، އިތުރު ސާހިބާގެ މޫނުފުޅުން މުތީތަކެއް ފަދައިން ދާފޮދުގެ ތިކިތައް ވިދާންފަށައެވެ. އަހަރެމެން އެންމެން ތިބީ ހަނުހިމޭނުންނެވެ. އަހަރެން ކުޑަކޮށްވެސް ބިރެއް ނުގަނެއެވެ. އެކަމަކު އަހަރެންގެ ބައްޕާފުޅާއި މަންމާފުޅުގެ ހަށިކޮޅުގައި އެންމެ ލޭތިކެއްވެސް ނެތްކަހަލައެވެ. އެ ދެކަނބަލުން ތިއްބެވީ ވަރަށް ބިރުފުޅުންނެވެ. މާތްاللّـهހާމަކުރައްވާނީ ކޮންފަދަ ޙަޤީޤަތެއްކަން އެނގިވަޑައިނުގަންނަވާތީއެވެ.

ވަޙީ ލިބިވަޑައިގަތުމުގެ ޙާލަތު ނިމުނުއިރު، ކައުސާހިބާصلّى اللّـه عليه وسلّمހުންނެވީ ވަރަށް އުފާފުޅުންނެވެ. ކައުސާހިބާ ހިނިވަރުނަ ކުރައްވަމުން އެންމެފުރަތަމަވެސް ޙަދީޘު ކުރެއްވިއެވެ. އޭعائشةއެވެ. މަރްޙަބާއެވެ! މުބާރިކުބާދީއެވެ. މާތްاللّـهކަމަނާ ބަރީއަކުރައްވައިފިއެވެ. އިތުރު ސާހިބާ އެއަށްފަހު ނޫރު ސޫރަތުގެ އެގާރަވަނަ އާޔަތުން ފެށިގެން އެކާވީސްވަނަ އާޔަތުގެ ނިޔަލަށް، (ދިހަ އާޔަތް) ވިދާޅުވެދެއްވިއެވެ.

އެވަގުތު އަހަރެންގެ މަންމަ ވިދާޅުވިއެވެ. ތެދުވެ، މާތްاللّـهގެ ރަސޫލާއަށް ޝުކުރު ދަންނަވާށެވެ. އަހަރެން ދެންނެވީމެވެ. އަޅުގަނޑު އެކަލޭގެފާނަކަށް ޝުކުރު އަދައެއް ނުކުރާނަމެވެ. ތިޔަ ދެކަނބަލުންނަކަށްވެސްމެއެވެ. އަޅުގަނޑު ޝުކުރު ދަންނަވާނީ، ހަމައެކަނި މާތްاللّـهއަށެވެ. އެކަލާނގެ އަޅުގަނޑު ބަރީއަވެގެންވާކަން ބަޔާންކުރެއްވިއެވެ. ތިޔައިން ބޭފުޅަކު އެބޮޑު ބުހުތާނަށް އެންމެ ކުޑަމިނުން އިންކާރުވެސް ނުކުރެއްވީމުއެވެ.أمّ المؤمنينމިހެން ވިދާޅުވި ވިދާޅުވުމަކީ އެއްވެސް ޙާލެއްގައި، ލޮބުވެތި ފިރިކަލުންނަށާއި ހަންހާރަވެތި ބައްޕާފުޅަށާއި މަންމާފުޅަށް އުރެދިވަޑައިގަތުމެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ އެފަދަ ތުހުމަތަކުން އެހައި ޞަރީޙަ ގޮތެއްގައި ޝަރަފުވެރިކަމާއެކު އެކަމަނާ ބަރީއަވެވަޑައިގަތުމުން ފިރިކަލުންނަށާއި ބައްޕާފުޅަށާއި މަންމާފުޅަށް ނުހަނު މަޢުޞޫމް ގޮތެއްގައި ދައްކަވައިލެއްވި ފަރިއެކެވެ. ފާޅުކުރެއްވި އަދާއެކެވެ.

މުޖްތަމަޢުގެ ޙާލަތަށް އަލިއަޅުއްވައިލެއްވުމާއި، އިޞްލާޙު ކުރެއްވުން

ޕްރޮޕެގެންޑާގެ މި ވަރުގަދަ ޠޫފާނާއި، އެ ޠޫފާނުގެ ސަބަބުން އުފެދުނު ހިތާމަވެރި ކަޅު އަނދިރިކަން ފިލުވައިލުމަށްޓަކައި ވިދައިގަތީ ވަޙީގެ ނޫރާނީ އަލިކަމެވެ. މުޖްތަމަޢުގެ ފިކުރީ ދުނިޔެއަށް އިލްހާމުގެ ފަތިހެއްގެ އަލިވިލިއްޖެއެވެ. ބަޔާންކުރަނިވި އާޔަތްތަކެއްގެ އަލި ދޯދިތައް، ރޫޙާނީ ފަޟާއެއް ފާންކުރަން ފަށައިފިއެވެ. އެ މަތިވެރި މަޤްޞަދުގައި ބާވައިލެއްވި ސޫރަތުގެ ނަމެއް ކަމުގައިسورة النّورހަމަޖެހުނުކަމީވެސް ކިހައި މުނާސަބު ކަމެއްތޯއެވެ؟ އެ ސޫރަތުގައި ވަނީ ޖަމާޢަތާއި މުޖްތަމަޢުގެ ޙާލަތު ބަޔާންކުރައްވައިފައެވެ. މުޖްތަމަޢުގައި ހިމެނޭ ބަލިކަށިކަން ފާހަގަކުރައްވައިފައެވެ. މުސްތަޤިއްލު ގޮތެއްގައި އެ ބަލިކަށިކަމުން ސަލާމަތް ކުރެއްވުމަށްޓަކައި ޤާނޫނީ އަދި އަޚްލާޤީ އިރުޝާދުތައް ދެއްވައިފައެވެ.

އެ މަތިވެރި ސޫރަތް ފައްޓަވައިފައިވަނީ ސިއްސައިގެންދާފަދަ، އަންނަނިވި އާޔަތުންނެވެ.

"(މިއީ) ސޫރަތެކެވެ. ތިމަންރަސްކަލާނގެ އެ ސޫރަތް ބާވައިލެއްވީ އަދި އެ ސޫރަތުގައިވާ ކަންތައްތައް ކަނޑައަޅުއްވައި ފަރުޟުކުރެއްވީ، އަދި ފައުޅުވެ ބަޔާންވެގެންވާ ހެކިތައް، ތިމަންރަސްކަލާނގެ އެ ސޫރަތުގައި ބާވައިލެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." (النّور: 1)

(ނުނިމޭ)