އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޚާރިޖީ ގުޅުން ގޯސްވެފައިވާ ދަނޑިވަޅުގައި، އީރާނަށް ސައުދީ އަރަބިއްޔާ އިން ކުރާ ވައިގެ ދަތުރުތައް ވެސް ހުއްޓާލުމަށް ސައުދީ އަރަބިއްޔާ އިން ނިންމައިފި އެވެ.

ސައުދީ އަރަބިއްޔާއާއި އީރާނާއި ދެމެދު އޮތް ގުޅުން ގޯސްވެފައި މިވަނީ، މަޝްހޫރު ޝީއީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް ނިމްރު އަލް ނިމްރުގެ މައްޗަށް ސައުދީ އަރަބިއްޔާ އިން މަރުގެ ހުކުމް އިއްވައި، އެ ހުކުމް ތަންފީޒު ކުރުމާ އެކު، އީރާނުގައި ހުންނަ ސައުދީ އެމްބަސީއަށް އީރާނުގެ ބަޔަކު ވަދެ އެތަނަށް ހަމަލާ ދިނުމުންނެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ރޮއިޓާރސްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ގައުމުން ވަނީ އީރާނަށް ކުރާ ވައިގެ ދަތުރުފަތުރު ހުއްޓާލުމަށް ނިންމާފައި ކަމަށާއި، އަދި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ވެސް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ވިޔަފާރީގެ ގުޅުމުގެ އިތުރުން އީރާނާ އެކު އޮންނަ ޚާރިޖީ ގުޅުން ވެސް ކަނޑާލަން ނިންމާފައިވާ ސައުދީ އަރަބިއްޔާ އިން ވަނީ އެގައުމުގައި ހުންނަ އީރާންގެ ޑިޕްލޮމެޓުން ސައުދީ ދޫކޮށް ދިއުމަށް 48 ގަޑިއިރުގެ މުހުލަތެއް ވެސް ދީފަ އެވެ.

އީރާނުގެ ގައުމީ އެއާލައިން އީރާން އެއާއިން ސައުދީ އަރަބިއްޔާގެ ތިން މަންޒިލަކަށް ސީދާ ދަތުރުތައް ކުރަމުން އަންނަ އިރު، ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައުދިއްޔާ އިން އީރާނުގެ ހަތަރު މަންޒިލަކަށް ދަތުރު ކުރެ އެވެ.

ސައުދީއިން ޝީޢީ އިލްމުވެރިޔާ ނިމްރު އަލް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށް އޭނާ މަރައިލީ، ޓެރަރިޒަމްގެ ކުށް ސާބިތު ވުމުންނެވެ.