04 Jan 2016, 19:46
ސްކޫލުތަކުގެ ގްރޭޑް ހަތަރެއް، ފަހެއް އަދި ހައެއްގައި އުޅޭ ދަރިވަރުންނަށް ނަމާދުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ޖަމްއިއްޔަތުލް ސަލަފުން ފަށައިފިއެވެ.
ޖަމިއްޔަތުލް ސަލަފުގެ ނައިބު ރައީސް އައް ޝައިޚު ޙަސަން މޫސާ ފިކުރީ ވިދާޅުވީ ނަމާދުކުރަން ދަސްކޮށްދޭ ވޯކްޝޮޕް ހިންގަނީ އެ 'އުޔޫން އިންސްޓްޓިއުޓް' ގެ ނަމުގައި އެޖަމްއިއްޔާ އިން ދާދި ފަހުން ހުޅުވި ޓިއުޝަން ސެންޓަރުން ކަމަށެވެ. މިހިނގާ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ފެށި ވޯކްޝޮޕްގައި 53 ކުދިން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"... މާބޮޑު އިޝްތިހާރަކާ ނުލައި ވެސް، ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" ފިކުރީ ވިދާޅުވިއެވެ.
ނަމާދު ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް އުޔޫން އިންސްޓްޓިއުޓް އިން ގިނަ ހިދުމަތްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
"... ސްކޫލްތަކުގެ ކިޔެވުން ފެށުނީމާ ހަމަ، އަރަބިއްޔާ ކުދިންނަށް ވެސް އަރަބި ޓިއުޝަނާ އަދި އޯލެވެލް، އޭލެވެލް މާއްދާ ތަކުގެ ޓިއުޝަން ކުރިއަށް ގެންދާނީ. އޭގެ އިތުރުން އަރަބި ބަހުގެ ކުރު ކޯސްތަކާ، އަދި ކުރިއަށް އޮތް މުސްތަގުބަލުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ވެސް އަރަބި ބަހާއި އަދި ޤުރުއާނުގެ ކޯސްތައް ހިންގާނެ. އޭގެ ތެރޭގައި ހަމަ ޗުއްޓީ ތަކަށް އަމާޒުކޮށްގެން މިފަދަ ކުރު ވޯކްޝޮޕްތައް ހިމެނެނޭނެ،" ފިކުރީ ވިދާޅުވިއެވެ.
އުޔޫން އިންސްޓްޓިއުޓްގައި ކިޔަވައިދެއްވާނީ އިލްމުވެރިންނާއި ގާބިލު މުދައްރިސުން ކަމަށް ޖަމިއްޔަތުލް ސަލަފުން ބުންޏެވެ.