ސިނާއީ ރަށް ތިލަފުށީގައި ދިވެއްސަކަށް ދޫކޮށްފައިވާ ބިމެއްގައި ގެސްޓްހައުސްއެއް ހަދައިގެން ބިދޭސީ މަސައްކަތްތެރިން ނިދަން ބައިތިއްބަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ އެމީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެއޮޕަރޭޝަން ހިންގައި އޭނާ ހައްޔަރުކުރި އިރު ގެސްޓްހައުސްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތުގައި ތިބީ ކިތައް މީހުން ކަމެއް އިމިގްރޭޝަނަކުން ނުބުނެއެވެ. އެއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވާ މީހާއަކީ ހިއުމަން ޓްރެފިކިންގައި ބައިވެރިވާ މީހެއްކަން ނުވަތަ އެކަމުގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމެއް އަދި ނޭނގެއެވެ. އެކަން ކަށަވަރު ކުރުމަށް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފައިސާ ނަގައިގެން ތިލަފުށީގައި މީހުން އެގޮތަށް ބޭތިއްބުމަކީ މަނާ ކަމެކެވެ.

ތިލަފުށީގެ ބިން ގެސްޓްހައުސް ހަދަން ދޫކުރި ދިވެހި މީހާ ހޯދަން ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.