ބިދޭސީ ސޭޓުން ގެންގުޅުނު މައްސަލާގައި މޭރީ ބްރައުން ރެސްޓޯރެންޑާއި އަޔޯލީ ރެސްޓޯރެންޓު 10000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ ތަން ޖޫރިމަނާކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން މިއަދު ހިންގި އޮޕަރޭޝަންގަ އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލު ސަން އަށް ވިދާޅުވީ މިއަދު 16 ރެސްޓޯރަންޓެއް އިމިގްރޭޝަނުން ޗެކްކޮށްފައިވާ އިރު، ބިދޭސީ ސޭޓުން ބައިތިއްބާފައިވާ ކަމަށް ފާހަގަކުރެވުނީ ފަސް ރެސްޓޯރަންޓެއްގައި ކަމަށެވެ. އެއިން ކޮންމެ ރެސްޓޯރެންޓެއް ޖޫރިމަނާކޮށްފައި ވަނީ 10،000 ރުފިޔާ އިންނެވެ.

އަޔޯލީ ރެސްޓޯރެންޓު --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދު ފަސް ރެސްޓޯރަންޓެއް ޖޫރިމަނާކުރުމާ އެކު މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ފެށި އޮޕަރޭޝަންގެ ދަށުން ޖޫރިމަނާކުރި ތަންތަނުގެ އަދަދު ވަނީ 67 އަށް އަރައިފަ އެވެ.

ގަވާއިދުގައިވާގޮތުން ބިދޭސީ ސޭޓުން ބައިތިއްބާނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.