ޓޯކިޔޯ (ޖެނުއަރީ 4): ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ ހަތްދިހަ އަހަރަށް ފަހު ރަޝިއާއާ އެކު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް ޖަޕާނުން ބޭނުންވާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެ އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނާއި ރަޝިއާއިން ރަސްމީކޮށް ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވަނީ ހަތަރު ރަށެއްގެ މިލްކުވެރިކަމާ ބެހޭގޮތުން އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުންނެވެ.

އާ އަހަރާ ގުޅިގެން ޓޯކިޔޯގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު އަބޭ ވިދާޅުވީ 70 އަހަރުވީ އިރުވެސް ރަޝިއާ އާ ޖަޕާނުގެ މެދުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނެތުމަކީ "އާދަޔާ ޚިލާފު ކަމެއްކަމަށް" ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ.

އަދި އެ ސުލްހައިގެ އެއްބަސްވުން ހެދުމަށްޓަކައި، މިލްކުވެރިކަމާ ބެހޭގޮތުން ދެގައުމުގެ މެދުގައި ދެބަސްވުން އުފެދިފައިވާ ރަށްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޕުޓިންއަށް އަބޭ ގޮވާލެއްވި އެވެ.

ދެހާސްބާރަ ވަނަ އަހަރު ޖަޕާނުގެ ބޮޑު ވަޒީރުގެ މަގާމަށް އަބޭ ވަޑައިގެންނެވި ފަހުން އޭނާ ވަނީ ރަޝިއާ އާ ޖަޕާނާ އޮންނަ ގުޅުންތައް ވަރުގަދަ ކުރައްވަން މަސައްކަތްކުރައްވާފަ އެވެ. (ބީބީސީ)