ޖިނާއީ އިޖުރާއަތުގެ ބިލު މަޖިލީހަށް ބަލައިގަނެ، ދިވެހި އިސްލާމް މަޖުބޫރު ދެ މާއްދާގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ގަރާރު އަލުން އިސްލާހު ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލަށް ވޯޓަށް އެއްސެވުމުން އެ ވަގުތު ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 65 މެންބަރުން ބިލް ބަލައިގަތުމަށް ވޯޓު ދެއްވި އެވެ. އަދި ގަރާރު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައި ވަނީ އެ ވަގުތު ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ތާއީދު ނުކުރައްވާ ކަމަށް 23 މެންބަރުން ވޯޓު ދެއްވި އެވެ.

މިއަދުގެ ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ބިލަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، އެ ބިލަކީ ރާއްޖޭގައި ހިންގާ ނުރައްކާތެރި ކުށްތައް މަދު ކުރުމަށް ބޭނުންވާ ގާނޫނުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ގާނޫނު ކަމަށެވެ. ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ، ކުށްވެރިންނަށް ހަނު ހުރުމުގެ ހައްގުތައް ދީފައިވާ ގޮތުންނާއި ބޮޑެތި ކުށްތައްކުރާ މީހުންނަށް ސަރުކާރުން ގާނޫނީ ވަކީލުން ހޯދައިދޭން ޖެހޭނެ ކަމަށް ބިލުގައި އޮތުމުން ކުށްކުރާ މީހުން ހިމާޔަތް ކުރުމަށް ބިލުން އިތުރު ފުރުސަތު ލިބޭ ކަމަށެވެ. އެހެންކަމުން ބިލު އިތުރަށް ދިރާސާކޮށް ބޮޑެތި އިސްލާހްތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

އެ ބިލުގައި ވާގޮތުން މީހުން މެރުމާއި، މަސްތުވާތަކެތީގެ މައްސަލަ ތަކާއި، މާރާމާރީ އާއި ޓެރަރިޒަމްގެ މައްސަލަ ތަކާއި، ވައްކަމާއި ޓެކުމާއި ފޭރުމާއި ހިޔާނާތްތެރި ވުމުގެ މައްސަލަ ތަކުގެ ތެރެއިން 500،000 ރ. އިން މަތީގެ މައްސަލަ ތަކާއި ވަގު ނޫޓުގެ މައްސަލަ ތަކާއި ދައުލަތުގެ މިނިވަންކަމަށް ގެއްލުންވާ ފަދަ މައްސަލަ ތަކާއި 25 އަހަރުގެ ޖަލު ހުކުމް ކަނޑައެޅިފައިވާ ކުށްތަކުގައި ގާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެ އެވެ.

ދިވެހި އިސްލާމް އިޖުބާރީ މާއްދާއެއްގެ ގޮތުގައި ހަމަ ޖެއްސުމަށް މާވަށު ދާއިރާގެ އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ގަރާރަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، އެ ގަރާރަކީ ޑރ. މުސްތަފާ ލުތުފީ އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު، 2010 ވަނަ އަހަރު ހުށަހަޅުއްވާ ފައިވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެ މުއައްސަސާގެ މިނިސްޓަރު މިހާރު ބަދަލުވެފައިވާ އިރު މިނިސްޓްރީގެ ކަންތައް މިހާރު އޮތްގޮތް އަލުން ދިރާސާކުރަން ބޭނުންވާ ކަމަށެވެ. އެ ގަރާރު އަލުން ކޮމިޓީ އަށް ފޮނުވައިލުމަށް ފާސްކުރީ ވެސް އެ ސަބަބައްތަކަ އެވެ.