ގަވާއިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން ދިޔަ ދެ ބިދޭސީއަކު އައްޑޫ ސިޓީ އާއި ވިލިމާލެއިން ޑިޕާޓްމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލު ސަން އަށް ވިދާޅުވީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އައްޑޫ ސިޓީން ބިދޭސީ މީހާ ހައްޔަރުކޮށްފައި ވަނީ އެ ސިޓީގެ ހިތަދޫން ކަމަށް ޚަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ދެ ބިދޭސީންނާ ގުޅޭގޮތުން އިމިގްރޭޝަނުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ފުލުހުންނަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމުގައިވާނަމަ އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ފޮނުވާނެ ކަމަށެވެ.

ފުލުހުންނަށް މައްސަލަ ފޮނުވަންޖެހޭ ކަމެއް ފާހަގަނުކުރެވޭނަމަ އެ ދެ މީހުން ޑީޕޯޓުކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.