މިމަހުގެ 12 ގައި ދެއްކުމަށް ހަމަޖެހިފައިވާ ޑިސްޓޯޕިއަން އަދި ފެންޓެސީ ސީރީޒް "ދަ ޝަނާރާ ކްރޮނިކަލްސް" އަކީ އެމްޓީވީގެ "ގޭމް އޮފް ތްރޯންސް" ކަމަށް ޓީވީ ރިވިއު ކުރާ ފަރާތްތަކުން ބުނެފިއެވެ.

މިއުޒިކް ޗެނަލް އެއް ކަމަށްވާ އެމްޓީވީއިން ޓީވީ ޝޯތައް ދައްކަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް "ޓީން ވޮލްފް" އާއި "އޯކްވާޑް" ފަދަ ޝޯތަކާ ގުޅިގެން އެ ޗެނަލްގެ މަގުބޫލުކަން ވަނީ އެތައް ގުނައެއް އިތުރު ވެފައެވެ.

ޝަނާރާ ކްރޮނިކަލްސް އަކީ އެޗްބީއޯގެ ގޭމް އޮފް ތްރޯންސް ފަދަ ބޮޑު ބަޖެޓެއްގައި އެމްޓީވީ އިން އުފައްދާ ފުރަތަމަ ޝޯއެވެ. ޓީން ވޮލްފް އަކީ ބޮޑު ބަޖެޓެއްގެ ޝޯއެއް ކަމުގައި ވިޔަސް ޝަނާރާ ކްރޮނިކްލްސް އަކީ ވަރަށް ބޮޑަށް ކޮމްޕިއުޓާ ޖެނެރޭޓެޑް އިމޭޖެރީ (ސީޖީއައި) އަށް ބަރޯސާ ވެގެން އުފައްދާ ސީރީޒް އެކެވެ.

ގޭމް އޮފް ތްރޯންސް އާ އަޅާ ބަލާއިރު ދެ ޝޯއަކީ ކޮންސެޕްޓާއި ކެރެކްޓަރުންގެ އުފެއްދުމުގައި އެތައް ގުނައެއް ތަފާތު ދެ ޝޯއެވެ. އެގޮތުން ގޭމް އޮފް ތްރޯންސް އަކީ ފެންޓެސީ ޝޯއަކަށް ވި ނަމަވެސް އެ ބޮޑަށް ހިމެނޭނީ ޑްރާމާގެ ބައިގައެވެ.

އެއާ ޚިލާފަށް ޝަނާރާ ކްރޮނިކަލްސްގައި ބޮޑަށް ބިނާ ވެެގެންވާނީ ޚިޔާލީ ތަކެތި ކަމަށްވާ "އެލްފް" ތަކާއި "ޓްރޯލް" ތައް އިންސާނުންނާ އެކީ އުޅޭނެއެވެ.

ޓީވީ ޝޯތަކުގެ ތާރީޚުގައި ނުލިބޭ ފަދަ ބޮޑެތި ކާމިޔާބީއެއް ގޭމް އޮފް ތްރޯންސް އަށް ވަނީ ލިބިފައެވެ. އެހެން ކަމުން ޝަނާރާ ކްރޮނިކަލްސް އަށް އެ ޝޯއާ ވާދަ ކުރެވިދާނެ ކަމާ މެދު ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

ގިނަ ބައެއް ކުރާ ޝަކުވާއަކީ ޝަނާރާ ކްރޮނިކަލްސް އެމްޓީވީ އިން ދެއްކުމެވެ. ފޮކްސް ފަދަ ޗެނަލްތަކުން އެ ޝޯ ދެއްކުމަކީ އެދެވިގެން ވާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ ވަކި ވަރަކަށް އެޕިސޯޑުތައް ކުރިއަށް ދިޔުމުން ބަޖެޓު ކުޑަ ކުރުމަކީ އެމްޓީވީ އިން ކުރާ ކަމަކަމަށް ވާތީއެވެ. ނަތީޖާއެއްގެ ގޮތުން ޝޯގެ ކޮލިޓީ ދަށް ވެގެން ދާނެއެވެ.

އޭގެ އިތުރުން އެމްޓީވީ އިން އެފަދަ ބޮޑު ބަޖެޓެއްގެ ޝޯއެއް އަޅުވާފައި ނުވުމުން ގިނަ ބައެއް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޓެރީ ބްރުކްސްގެ މަޝްހޫރު ޝަނާރާ ކްރޮނިކަލްސް ވާހަކަ މައްޗަށް އުފައްދާ އެ ސީރީޒް އަށް ވެގެންދާނީ ކިހިނެއް ކަމެއް އެއްބަޔަކަށްވެސް ނޭނގެއެވެ. އެމްޓީވީގެ ގިނަ ޝޯތަކެއް ފަދައިން އެ ޝޯވެސް ކެންސަލް ކޮށްލުމަކީ އެކަށީގެންވާ ކަމެކެވެ.