އިންޑިއާގެ އިރު އުތުރު ސަރަހައްދަކަށް އައި ބާރުގަދަ ބިންހެމުގައި އެ ގައުމުގެ ބަޔަކު މަރުވެ އިމާރާތްތަކާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާތީ، އެކަމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ މެސެޖުގައި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސް ގެ އަމިއްލަ ނަންފުޅުގައި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް އިހުލާސްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.

ހަމައެހެންމެ، އެ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށް ވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގަންނަވާފަ ވެއެވެ.

އިންޑިއާ އަށް މިއަދު އައި 6.7 މެގްނިޓިއުޑުގެ ބިންހެލުމުގައި ހަ މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެފައިވެ އެވެ.